ކުޅިވަރު

ސަލާހުގެ ހަތަރު ގޯލުން ލިވަޕޫލް ގަދަ ހަތަރަކާ ކައިރިއަށް


މިސުރުގެ ފޯވަޑް މުހައްމަދު ސަލާހް ވަޓަފޯޑް ކޮޅަށް ޖެހި ހަތަރު ގޯލާއެކު އިނގިރޭސި ޕްރެމިއާ ލީގުގެ ގަދަ ހަތަރަކާ ކައިރިއަށް ލިވަޕޫލް ޖެހިލައިފިއެވެ.

ބާލީ ހަތް މެޗު ލީގުގައި ކުޅެން ޖެހޭއިރު ލިވަޕޫލް މިވަގުތު އޮތީ ޓޭބަލުގެ ތިން ވަނާގައެވެ. އެއީ 63 ޕޮއިންޓާއެކުއެވެ. މިއީ ފަސް ވަނާގައިވާ ޗެލްސީ އަށްވުރެ 8 ޕޮއިންޓް ގިނަ އަދަދެކެވެ.

ރޭގެ މެޗު ލިވަޕޫލް 5-0 ން ކާމިޔާބުކުރިއިރު، ސަލާހް ވަނީ ހަތަރު ލަނޑު ޖެހުމުގެ އިތުރަށް ރޮބާޓޯ ފިރްމީނޯ ލަނޑު ޖަހަން ވެސް އެހީތެރިވެދީފައެވެ.

މެޗަށް ފަހު އޭނާ ބުނީ ސީޒަނުގައި މިހާތަނަށް 36 ލަނޑު ޖެހުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މިކަމެއް ނުކުރެވޭނެ އަހަރެންގެ ޓީމު ކުޅުންތެރިންނާ ނުލައި. އެމީހުންގެ ބުރަ މަސައްކަތުން މިކަން ކުރެވުނީ. އެންމެ މުހިންމު ކަމަކީ ތިން ޕޮއިންޓް ހޯދުން. އަހަރުމެންނަށް އެކަން ކުރެވިއްޖެ. އަހަރެންގެ ކުޅުން އަބަދުވެސް ރަނގަޅު ކުރަން މަސައްކަތް ކުރަން. މިރޭގެ މެޗަކީ ހާއްސަ މެޗެއް،" ސަލާހް ބުންޏެވެ.

ކޯޗު ޔާގެން ކްލޮޕް ބުނީ މެޗު އުނދަގޫވާނެ ކަމަށް އޭނާ އުއްމީދު ކުރި ކަމަށެވެ.

"ނަމަވެސް ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް. އަހަރުމެންގެ ކުޅުން ވަރަށް ރަނގަޅު. އަހަރުމެން މެޗު ފެށީ ވަރަށް ސްޕީޑުގައި. އަދި މުޅި މެޗުގައި ވެސް އެ ސްޕީޑު ހިފެހެއްޓުނު. އަހަރެން މިހުރީ ވަރަށް ހިތްހަމަޖެހިފައި،" ކްލޮޕް ބުންޏެވެ.

އޭނާ އަދި ބުނީ ސަލާހް ހަތަރު ލަނޑު ޖެހުމަކީ ވަރަށް އުފާވެރި އިހުސާސެއް ކުރުވާ ކަމެއް ކަމަށެވެ.

"އޭނާ ފަސް ގޯލު ޖެހުމުގައި ވެސް ބައިވެރިވުމަކީ ވަރަށް އުފާވެރިކަމެއް. އެއަށްވުރެ ބޮޑު ހާއްސަ ކަމަކީ ހަތަރު ގޯލު ޖެހުން. އަހަރެން މިހުރީ ވަރަށް އުފަލުން އެކަމާ،" ޗެލްސީން ބޭނުން ނެތިގެން ދޫކޮށްލާފައި ހުއްޓާ އިޓަލީގެ ރޯމާއިން ގެނައި ފޯވަޑާ ބެހޭ ގޮތުން ކްލޮޕް ބުންޏެވެ.