މުނިފޫހިފިލުވުން

އައިޑަލް ގަދަ 10 ޔަޤީންވެ، ސަލްވާ އަދި ޝާން މުބާރާތުން ކަޓައިފި


މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގައި ވާދަކުރާ ބައިވެރިންގެ އަދަދު 12 އިން 10 އަކަށް ދަށްވެ، މަރިޔަމް ސަލްވާ އަދި ޝާން ޝަރީފް މި މުބާރާތުން ކަޓައިފިއެވެ. 

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ގަދަ 10 އިޢުލާންކޮށްފައިވަނީ މިރޭ ބޭއްވި ގާލާ ރައުންޑުގެ ފުރަތަމަ އެލިމިނޭޝަން ނައިޓްގެ ޝޯވގައެވެ. އައިޑަލްގެ ޝޯވތައް ހަމަޖެހިފައިވާގޮތުން ކޮންމެ ހަފްތާއެއްގެ ޝޯވގައިވެސް ވާދަކުރާ ބައިވެރިންގެ ތެރެއިން، ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރާ ބައިވެރިން ކަނޑައަޅާނީ ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ ފަރާތުން ލިބޭ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން، ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. 

މިފަހަރުގެ ސީޒަންގެ ގާލާ ރައުންޑުގެ ފުރަތަމަ ޝޯވ ހާއްސަކޮށްފައިވަނީ "އަބަދަށް ފެހި ރީތި ލަވަތައް" މި ތީމަށެވެ. އެގޮތުން މިހަފްތާގެ ޝޯވގައި މި ތީމަށް ކޮންމެ ބައިވެރިއަކުވެސް، އެބައިވެރިއަކު އެންމެ ގަޔާވާ އަދި އެންމެ ކިޔާލަން ބޭނުންވި ލަވަ ހުށައަޅައިދީފައިވާއިރު، ހުރިހާ ބައިވެރިންނަށްވެސް ޖަޖުންގެ ފަރާތުން ވަނީ ތަފާތު ކޮމެންޓްތަކެއް ލިބިފައެވެ.

ޝާން އަދި ސަލްވާ އަށް ގަދަ 10 އަކުން ޖާގަ ކަށަވަރު ނުކުރެވި މިރޭގެ ޝޯވގައި އެލިމިނޭޓްވެފައިވާއިރު މި 2 ބައިވެރިންވެސް ވަނީ ހިތްގައިމު ހުށައެޅުންތަކަކާއެކު ބެލުންތެރިންނާއި، ޖަޖުންގެ ހިތްތަކުންވެސް ޖާގަ ހޯދާފައެވެ.

ގަދަ 12 ގެ ވާދަވެރި ހުށައެޅުންތަކަކަށްފަހު ގަދަ 10 އިން ޖާގަ ކަށަވަރުކޮށް ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރި ބައިވެރިންނަކީ: ހަސަން ޝަހުދާން، އިބްރާހީމް ޝަމްވީލް، އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަލްސީމް ޢަބްދުލްކަރީމް، ނައުޝާދު ޢަބްދުލްލަތީފް، ރައިހާން އާދަމް، މަރިޔަމް މައީޝާ، ޢަބްދުﷲ މުނާޒް، ޢަބްދުﷲ މުރުޝިދު އަދި އައިޝަތު އަޒަލް އަލީ ޒާޙިރު.

ގާލާ ރައުންޑުގެ މި ހަފްތާގެ އެލިމިނޭޝަން ނައިޓް ޝޯވގައިވެސް ގަދަ 12 ބައިވެރިންގެ ހިތްގައިމު ރީތި ގްރޫޕް ޕަރފޯމަންސްތަކެއް ފެނިގެންގޮސްފައިވާއިރު، މިރޭގެ ޝޯވ ހާއްސަކޮށްފައިވަނީ އެ ބައިވެރިއެއްގެ ކުޑައިރުގެ ހަނދާންތަކާއި ގުޅިފައިވާ ލަވަތަކަށެވެ.

އައިޑަލްގެ ފޯރި ދުވަހެއް ދުވަހަކަށް ގަދަވަމުންދާއިރު، ބައިވެރިންގެ މެދުގައި އޮތް ވާދަވެރިކަންވެސް ޝޯވއަކަށްފަހު ޝޯވއެއްގައި އިތުރުވަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.