ޚަބަރު

ޝީ ޖިންޕިންގ އަށް ރައީސް ޔާމީން މަރުހަބާ ފޮނުއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ރައީސްކަމުގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ރައީސް ޝީ ޖިންޕިންގ ރައީސްކަމުގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމުގެ އިތުރުން ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ޗެއަރމަންކަމަށް އަލުން އިންތިޚާބުވެ ވަޑައިގަތުމުން، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް މަރުޙަބާ ވިދާޅުވެ ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދެވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމުގައި 13 ވަނަ ނެޝަނަލް ޕީޕަލްސް ކޮންގްރެސްއިން ދެއްވި އެއްބަރުލެއްވުމަކީ ޗައިނާގެ ކުރިއެރުމާއި، ޤައުމީ ތަރައްޤީއަށް ވޭތުވެދިޔަ ފަސް އަހަރު ޝީ ޖިންޕިންގ ރައީސްކަމުގައި ހުންނަވައިގެން އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމުގެ ހެއްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. ހަމައެއާއެކު މިނިންމެވުމަކީ ޗައިނާ ގެ ކުރިއެރުމަށް ރައީސް ރައީސް ޝީ ޖިންޕިންގ ގެންގުޅުއްވާ "ޓޫ ސެންޓެނަރީ ގޯލްސް" އަދި "ޗައިނީސް ޑްރީމް" ޙާޞިލްކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިތުބާރު ލިބިވަޑައިގެންފައިވާކަން ދައްކުވައިދޭ ނިންމެވުމެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޗައިނާގެ ރައީސް ރައީސް ޝީ ޖިންޕިންގ ގެ ޒަޢާމަތުގައި އެމަނިކުފާނުގެ އިރުޝާދާއެކު ޤައުމީ އަދި ބައިނަލްއަޤުވާމީ ގޮތުން، އާހަރުފަތަކަށް ޤައުމު ގެންގޮސް ދެއްވައި، ބައިނަލްއަޤުވާމީ މައިދާނުގައި އެޤައުމުގެ ތަރައްޤީ ހިއްޞާވާ މިންވަރު އިތުރުވެގެންދާނެ ކަމުގައި ޔަޤީންކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ޗައިނާގެ ރައީސް ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވީ ރާއްޖެއާއި ޗައިނާއާއި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަވެފައިވާ ދަނޑިވަޅެއްގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ދެޤައުމަށް ވެސް ފައިދާ ހުރި ތަރައްޤީގެ މަޝްރޫޢުތަކާއި، ވިޔަފާރީގެ ގުޅުމުގެ އިތުރުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ދެޤައުމުގެ އާއްމުރައްޔިތުންގެ މެދުގައި އުފެދިގެން ދިޔަ ގާތް ގުޅުމާއެކު ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދުގައި އޮތް 45 އަހަރުވީ ދޭދޭ ގުޅުމާއި އެއްބާރުލުން އިތުރަށް ވަރުގަދަވެގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. ކުރިއަށް އޮތް ދައުރުގައިވެސް ދެޤައުމުގެ ރައްޔިތުންގެ ފައިދާއަށް ޗައިނާގެ ރައީސްއާއެކުގައި މަސައްކަތް ކުރައްވައި، މިހާރަށްވުރެ ވެސް ގާތް ގުޅުމެއް ބޭއްވުމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.