މުނިފޫހިފިލުވުން

ގަދަ 12 ބައިވެރިންނަށް އެސްއެމްއެސް ކުރަން ހުޅުވާލައިފި


މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގައި ވާދަކުރި ގަދަ 12 ބައިވެރިންގެ ތެރެއިން، ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކު ހޮވުމަށް ވޯޓުލުމަށްޓަކާ އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 

ގާލާ ރައުންޑުގެ ފުރަތަމަ ޝޯވ މިރޭ ޓީވީއެމުން ގެނެސްދީފައިވާއިރު، މިރޭގެ ޝޯވ ހާއްސަކޮށްފައިވަނީ "އަބަދަށް ފެހި ލަވަތައް" މި ތީމަށެވެ. އެގޮތުން މިރޭގެ ޝޯވގައި ގަދަ 12 ގައި ވާދަކުރާ ހުރިހާ ބައިވެރިންގެ ފަރާތުންވެސް އެ ބައިވެރިއަކު އެންމެ ގަޔާވާ އަދި އެންމެ ކިޔާލަން ބޭނުންވި ލަވަ ހުށައަޅައިދީފައިވާއިރު، ހުރިހާ ބައިވެރިންނަށްވެސް ޖަޖުންގެ ފަރާތުން ވަނީ ތަފާތު ކޮމެންޓްތަކެއް ލިބިފައިވެއެވެ.

މިފަހަރުގެ ސީޒަންގެ ގަދަ 12 ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށްޓަކާ، އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މާދަމާ ހަވީރު 4 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ވޯޓުލުމަށްޓަކާ، MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއަކަށް ދީފައިވާ ކޯޑު ޖެހުމަށްފަހު 303 އަކަށް އެސް.އެމް.އެސް ކުރެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖުކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.

ގާލާ ރައުންޑުގެ ކުރިއަށް އޮތް ބުރަށް ދަތުރުކުރާނެ ބައިވެރިން އިޢުލާންކުރުން އޮންނާނީ މާދަމާ ރޭ ބާއްވާ، އެލިމިނޭޝަން ނައިޓް ޝޯވގައެވެ.