ޚަބަރު

"އަމުރު ތަންފީޒުކުރިނަމަ ރާއްޖެ މާފިއާ ސްޓޭޓަކަށް ބަދަލުވީސް"


ފެބުރުއަރީމަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުވާން ދޫކޮށްލިނަމަ ދިވެހިރާއްޖެ މާފިއާ ސްޓޭޓަކަށް ބަދަލުވެގެން ދިޔައީސްކަމަށް ހޯމް މިނިސްޓަރު އަޒްލީން އަޙުމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްނިއުސްގެ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ، ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރު މިހާރު ނޯންނާނެ ކަމަށާއި، ފެބުރުއަރީމަހުގެ ފަސްވަނަ ދުވަހު އެ އަމުރު އެކޯޓުން ބާޠިލްކުރައްވާފައިކަމަށެވެ. އެހެންކަމުން މިހާރު އެ އަމުރަށް ތަބާވާން ނުޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސްޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިހާތަނަށް ކަންކަން ކުރައްވާފައިވަނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށާއި ޤާނޫނާ ޚިލާފަށް ކުރައްވާފައިވާ އެއްވެސްކަމެއް ދެއްކެން ނޯންނާނެކަމަށެވެ. އަދި މި ހިނގާދިޔަ ކަންތައްތަކުގައި ދިވެހި ފުލުހުންނާއި ސިފައިން ޢަމަލުކޮށްފައިވަނީ ޤާނޫނާއި އެއްގޮތަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސްޕްރީމް ކޯޓުން ފެބުރުއަރީމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒުވާން ދޫކޮށްލިނަމަ ދިވެހިރާއްޖެ މާފިއާ ސްޓޭޓަކަށް ބަދަލުވެގެން ދާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އޭރު ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރިނަމަ މިއަދު މި ޤައުމުން ފެންނަމުންދާ އަމަން އަމާންކަން ނުފެނުނީސްކަމަށެވެ.

"ކީއްތޯ ކުރާނީ. ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކޮށްގެން މިއަދާ ހަމަޔަށް އައީމަ މި ޤައުމުގައި ރައްޔިތުންނަށް އަމާންކަމާއިއެކު މިއަދާއި ހަމަޔަށް މި އާދެވުނީ. އެހެންނޫންނަމަ މިއަދު މި ޤައުމުގެ ޙާލަތު މާފިޔާ ސްޓޭޓަކަށް ބަދަލުވެގެން، ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކަށް ރައްކާތެރިކަމެއް ނުލިބި މުޅި ޤައުމު އަނދަވަޅަކަށް ވެއްޓި ހަލާކުވެގެން ދިޔައީސް. އެކަމަކު މިއަދު އަޅުގަނޑުމެންނަށް މިވާހަކަ ދައްކަން މި ޤައުމުގައި ހަމަހިމޭނުން މި ތިބެވެނީ އެރޭގަ ހިނގާދިޔަ ކަންތައްތަކުގެ ތެރެއިން މިއަދު އަޅުގަނޑުމެންނަށް ތުހުމަތުކުރެވޭ ބޮޑެތި ކަންތައްތަކެއްގެ މައްޗަށް ބޮޑެތި ހެއްކާއި ގަރީނާ ފެނިގެންދިޔައީމަ އެކަންކަމުގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުންނާއި ސިފައިން އެޅުއްވީމަ. މިއަދު އަޅުގަނޑު ސެލިއުޓްކުރަން ރާއްޖޭގެ ފުލުހުންނަށާއި ސިފައިންނަށް. އެ ދަނޑިވަޅުގައި އެބޭފުޅުން ދެއްކެވީ ދިވެހިރާއްޖޭގެ ޤައުމިއްޔަތު މާތްވެގެންވާ އިސްލާމްދީނަށް ސިފައިންނާއި ފުލުހުންގެ ތެރޭގައި އޮތް ލޯތްބާއި ޤަދަރާއި އިޙްތިރާމް. އަދި ދިވެހިރާއްޖޭގެ ޤައުމިއްޔަތާއި ދިވެހިރާއްޖޭގެ ޤާނޫނީ ސަރުކާރު ނެގެހެއްޓުމަށްޓަކައި އެބޭފުޅުންގެ ކޮމިޓްމަންޓް."  ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވިދާޅުވިއެވެ.



ފެބުރުއަރީމަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ކުރެއްވި އަމުރު އެ ކޯޓުން ފަހުން ބާޠިލްކޮށްފައިވީނަމަވެސް އެ އަމުރާގުޅޭގޮތުން ޙަޤީޤަތާ ޚިލާފް ވާހަކަތައް ރާއްޖެއާއި ރާއްޖޭން ބޭރުގައި އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ފެބުރުއަރީމަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުއްވި އަމުރު ފެބުރުއަރީމަހުގެ ފަސްވަނަ ދުވަހު އެކޯޓުން ވަނީ ބާތިލްކޮށްފައެވެ. ހޯމް މިނިސްޓަރ ވިދާޅުވީ ޤައުމުގެ އަމާންކަން ނަގާލާ ޣައިރު ޤާނޫނީ އަމުރަކަށް ތަބާވުމަށް ރައްޔިތުންނަށް ގޮވާލުމަކީ ކަނޑައެޅިގެން ޤާނޫނާއި ޚިލާފުކަމެއްކަމަށެވެ.