ދެމެހެއްޓެނިވި ތަރައްޤީއާއި ގުޅޭ ޕެނެލްއެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. މުޙައްމަދު ޢާސިމް އެމެރިކާގެ ނިއުޔޯކަށް ފުރާ ވަޑައިގެންފިއެވެ. ޚަބަރު ލިބިފައިވާގޮތުގައި އެމަނިކުފާނުގެ މިދަތުުރުފުޅުގައި އދއިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ފެނާގުޅޭ ލަނޑުދަނޑި ޙާޞިލްކުރުމަށް މެމްބަރު ޤައުމުތަކުން ކުރަމުންދާ މަސައްކަތްތައް ވަޒަންކުރުމާއެކު، އެކަންކަން ތަންފީޒުކުރަމުންދާ މިންވަރު ދެނެގަތުމަށް ބާއްވާ މަޝްވަރާ ޕެނެލްއެއްގައި އެމަނިކުފާނު ބައިވެރިވަޑައިގަންނަވާނެއެވެ.
tw:https://twitter.com/MDVForeign/status/974703288191918080
2030 ގެ ކުރިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރުމުގެ ޢަމާޒުގައި ސަރުކާރުގެ ކަމާގުުޅުންހުރި ވުޒާރާތަކާއި އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ޙާސިލްވާއިރު އެއްވެސް ފަރުދެއް ބާކީ ނުވާނެގޮތަށް މި ލަނޑުދަޑިތައް ޙާސިލްކުރުމަށް ސަރުކާރުން ވަރަށްބޮޑު އަހައްމިއްޔަތުކަމެއްދެއްވާކަން ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
އދގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ތަކަކީ، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 25 ވަނަ ދުވަހު އދގެ ޢާންމު މަޖިލީހުން ފާސްކޮށްފައިވާ، 17 ލަނޑުދަނޑިއެކެވެ.
މި ލަނޑުދަނޑިތަކުގެ ތެރޭގައި ފަޤީރުކަން ނައްތާލުމާއި، އިންސާފާ ހަމަހަމަކަން ޤާއިމްކުރެއްވުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުއެޅުންފަދަ ކަންކަން ހިމެނެއެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަކީ، ސާސްކަފުގެ ލަނޑުދަނޑިތައް ޙާސިލްވުމާ ގުޅިގެން އެކުލަވާލާފައިވާ ލަނޑުދަނޑިތަކެކެވެ.