ޚަބަރު

އީޔޫ ޕާލަމެންޓްގެ ޤަރާރުގައި ސުވާލު އުފެދޭ ކަންތައްތަކެއް!


ދިވެހިރާއްޖޭގައި އެހެން ދީންތަކަށް ފުރުޞަތު ފަހިކޮށްދިނުމަށް ގޮވާލާ ޔޫރަޕްގެ އިއްތިހާދުގެ ޕާލަމެންޓުން ފާސްކުރި ޤަރާރުގެ ހަޤީޤީ މަޤުޞަދަކީ ރާއްޖެއަށް ދިމާވެފައިހުރި މައްސަލަތައް ޙައްލުކުރުންކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ރާއްޖޭގެ މިހާރުގެ ޙާލަތާމެދު ކަންބޮޑުވާކަމަށްބުނެ އީޔޫ ޕާލިމެންޓުން ފާސްކުރި ޤަރާރުގައި، ރާއްޖޭގައި އިސްލާމްދީންނޫން އެހެން ދީންތަކަށް ފުރުޞަތު ފަހިކޮށްދިނުމަށް ގޮވާލާފައިވެއެވެ.

ރާއްޖޭގައި ދާޚިލީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މިދަނޑިވަޅުގައި، ރާއްޖެ ޢާންމު ޙާލަތަކަށް ބަދަލުކުރުމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުންދޭނެކަމަށް ރާއްޖެއަށް ހެޔޮއެދޭ ޤައުމުތަކުން ވަނީ ބުނެފައެވެ. އަދި ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމަކީ، ރާއްޖޭގެ ދާޚިލީ މައްސަލައެއްކަމުން މި މައްސަލަތައް ދިވެހިންގެ މެދުގައި މަޝްވަރާކޮށްގެން ޙައްލުކުރެވޭނެކަމަށް އެޤައުމުތަކުން ދެކެއެވެ.

ރާއްޖޭގެ މިހާރުގެ ޙާލަތާ ގުޅިގެން އެކި ޤައުމުތަކުން ދެކޭގޮތް ހާމަކުރަމުންދާ މި ދަނޑިވަޅުގައި ދިވެހިރާއްޖޭގެ މިހާރުގެ ޙާލަތާމެދު ކަންބޮޑުވާކަމަށްބުނެ ޔޫރަޕްގެ އިއްތިހާދުގެ ޕާލަމެންޓުން މާރޗް މަހުގެ 15 ވަނަ ދުވަހު ފާސްކުރި ޤަރާރުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުޞަތު ފަހިކޮށްދިނުމަށް ވަނީ ގޮވާލާފައެވެ. އެގޮތުން އިސްލާމްދީނާ ޚިލާފު ޚިޔާލުފާޅުކުރުމަށް ރާއްޖޭގައި ފުރުޞަތު ނޯންނާތީ އެކަމާ އީޔޫ ޕާލިމެންޓުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މީގެ އުތުރުން މަރުގެ ޙުކުމް ތަންފީޛުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށްވެސް މި ޤަރާރުގައި ގޮވާލާފައިވެއެވެ.

މިއީ ޔޫރަޕްގެ އިއްތިހާދުން ރާއްޖޭގައި އިސްލާމްދީންނޫން އެހެން ދީންތަކަށް ފުރުޞަތު ފަހިކޮށްދިނުމަށް ގޮވާލާ ފާސްކުރި ފުރަތަމަ ޤަރާރެއްނޫނެވެ. 2017 ވަނަ އަހަރު އީޔޫ ޕާލިމެންޓުން ފާސްކުރި ޤަރާރެއްގައިވެސް މިފަދަ އިބާރާތަކުން، އިސްލާމްދީނާ ޚިލާފު ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ރާއްޖޭގައި ނެތްކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ބޭރުގެ ފަރާތްތަކުން ޤައުމުތަކުގެ ދާޚިލީ ކަންތައްތަކުގައި ގިނަފަހަރު ބަސްބުނެ އުޅެނީ އެފަރާތްތަކުގެ ޒާތީ އެޖެންޑާއަކާއެކު ޒާތީ ފައިދާތަކެއް ޙާޞިލުކުރުމަށްޓަކައެވެ. ޚާއްޞަކޮށް ހުޅަނގުގެ ޤައުމުތަކަކީ އެޤައުމުތަކުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން އެޤައުމުތަކުގެ އަމިއްލަ އެޖެންޑާތައް ދުނިޔޭގެ ޤައުމުތަކަށް ފެތުރުމަށް މަސައްކަތް ކުރާ ބައެއްކަން ދުނިޔޭގެ ތާރީޚު ހެކިދެއެވެ. އެހެންކަމުން ދިވެހި ރައްޔިތުން މިފަދަ ފަރާތްތަކާމެދު ސަމާލުވާންޖެހެއެވެ.

ކުދި ދައުލަތްތަކަކީ ދުނިޔޭގެ އާބާދީއާއި އިޤްތިޞާދުގެ ކުޑަ މިންވަރެއް ޙިއްޞާ ކުރާ ޤައުމުތަކެއް ކަމުގައިވީނަމަވެސް ބޮޑެތި ދައުލަތްތަކަށް ލިބިފައިވާ އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި، ދާޚިލީ ކަންކަން އެޤައުމެއްގެ ރައްޔިތުން ބޭނުންވާގޮތަށް ބައްޓަންކުރުމުގެ ޙައްޤު ކުދި ދައުލަތްތަކަށްވެސް ބޮޑެތި ޤައުމުތަކާ ހަމަ އެއް ހަމައެއްގައި ބައިނަލްއަޤްވާމީ ޤާނޫނުން ލިބިދީފައިވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ވެރިކަން ހިންގުމުގެ ނިޒާމަކީ އިސްލާމްދީނުގެ އަޞްލުތަކާއި، ހުދޫދުތަކުގެ މައްޗަށް ބިނާކޮށް ބައްޓަން ކޮށްފައިވާ ކަންކަމެވެ. ދިވެހި ރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުގެ އަސްލަކީ އިސްލާމްދީން ކަން ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ. އަދި ދިވެހިރާއްޖެ އިސްލާމްވިފަހުން 800 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވީއިރު، އިސްލާމްދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ޖާގަދީފައެއްނުވެއެވެ. މިއީ އެއްވެސް ޒަމާނެއްގައި ދިވެހިން ބަހުސްކޮށް، ޚިޔާލުތަފާތުވެފައިވާ މައްސަލައެއްވެސް ނޫނެވެ.

މާތްވެގެންވާ އިސްލާމްދީނާ އިދިކޮޅު ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ރާއްޖޭގައި ދިނުމަށް ގޮވާލުމާއި، އިސްލާމީ ޝަރީޢާ ރާއްޖޭގައި ތަންފީޛުކުރުމާ ދެކޮޅަށް ގޮވާލި ގޮވާލުންތަކާއެކު، ރާއްޖޭގެ މަސްރަހާމެދު ކަންބޮޑުވާކަމަށްބުނެ ޔޫރަޕްގެ އިއްތިހާދުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކުރި ޤަރާރަކީ ޤައުމީ ވިސްނުންހުރި އެއްވެސް މީހަކު ބަލައިގަންނާނެ ކަމެއް ނޫނެވެ. ރާއްޖޭގައި އިޢުލާންކޮށްފައިވާ ކުށްލިނުރައްކަލުގެ ޙާލަތު އުވާލުމަށާއި، ބާތިލުކޮށްފައިވާ 1 ފެބްރުއަރީގެ ޙުކުމް ތަންފީޒު ކުރުމަށާއި، ސަރުކާރުގެ އިސްވެރިންނާއި، ސަރުކާރާ ގުޅުންއޮންނަ ވިޔަފާރިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައި ނެރުނު މިޤަރާރުގެ ހަޤީޤީ މަޤްޞަދަކީ ދިވެހިންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށްދިނުމަށް ބާރުއެޅުންކަމާމެދު ހަޤީޤަތުގައިވެސް ސުވާލު އުފެދެއެވެ.

ހުޅަނގުގެ މުސްލިމް ނޫން ޤައުމުތަކުން ރާއްޖޭގެ ދާޚިލީ ކަންކަމާ ބަސްބުނާ މައިގަނޑު ސަބަބަކީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތެވެ. އެފަރާތްތަކުން އެކިފަހަރު ރާއްޖެއާމެދު ކަންބޮޑުވުން ފާޅުކުރާ ކޮންމެ ކަމެއް އިސްލާމް ދީނާ ގުޅުވައި، ރާއްޖޭގައި އެހެންދީންތަކަށް ފުރުޞަތު އޮންނަންޖެހޭކަމަށް ބުނެ ގޮވާލާ ގޮވާލުންތައް މީގެ ކުރިންވެސް އެތައް ފަހަރަކު ޢާންމުކޮށްފައިވެއެވެ.

މުޅިދުނިޔޭގެ ހުރިހާ ޤައުމުތަކަކަށް ޑިމޮކްރަސީގެ އެއް އުސޫލުތަކެއް ނުފެތޭނެއެވެ. ކޮންމެ ޤައުމަކުންވެސް އެޤައުމެއްގެ އަމިއްލަ ނިޒާމަކުން، ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވެރިކަން ކުރުމަށް، އެޤައުމެއްގެ ރައްޔިތުން ޤަބޫލުކުރާ އުސޫލުތަކުގެ މައްޗަށް ބިނާކޮށް އަމިއްލަ ދިމުޤްރާތީ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރެވޭނެއެވެ. މިއީ އިސްލާމީ ދައުލަތެއް ކަމުން ހުޅަނގުގެ ހައްދުފަހަނައަޅާފައިވާ ޑިމޮކްރަސީއެއް ރާއްޖޭގައި ތަންފީޛުކުރުމަށް ގޮވާލާ ގޮވާލުންތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. ދިވެހިރާއްޖޭގައި ޤާއިމުކުރެވޭނީ އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފުނުވާގޮތަށް ޤާއިކުރެވޭ އިސްލާމީ ޑިމޮކްރަސީއެކެވެ. ސަރުކާރުން ގެންދަވަނީ އެކަން ކަށަވަރު ކުރައްވަމުނެވެ.

ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވެތިބެ އިސްލާމް ދީނުގެ އުޞޫލުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށްހިތައި، ދީނުގެ ޙިމާޔަތުގައި މުޅިދުނިޔެއާ ދެކޮޅަށްވެސް ބަސްބުނުމަށް ތައްޔާރަށް އޮތް ޤާނޫނީ ސަރުކާރެއް ޙިމާޔަތްކުރުމަކީ ދިވެހިއެންމެހައި ރައްޔިތުންގެ ދީނީ އަދި ޤައުމީ ވާޖިބެކެވެ.