ދުނިޔެ

އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި ރާއްޖެއިން ބައިވެރިވުން


 
އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި އދ. އާއި ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.


 
އެމެރިކާގެ ނިއުޔޯކްގައި މިދިޔަ ބުދަ ދުވަހު ސޮއިކުރެވުނު މިއެއްބަސްވުމުގައި އދ. ގެ ފަރާތުން ސޮއިކުރެއްވީ އަންޑަރ ސެކްރެޓަރީ ޖެނެރަލް ފޯރ ޕީސްކީޕިންގ އޮޕަރޭޝަންސްއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު އަޙުމަދު ސަރީރެވެ.


 
އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި އދ. އާއި ދެމެދު ވެވުނު މިއެއްބަސްވުމުގައި އދ. ގެ މިޝަންތަކުގައި ދިވެހި ރާއްޖޭގެ ފަރާތުން މިލިޓަރީ އޮބްޒާވަރުންނާއި، އިންފެންޓްރީ ޕްލެޓޫނެއް ބައިވެރި ކުރެވިދާނެކަމަށް މިއެއްބަސްވުމުގައި ހިމެނިފައިވާއިވެއެވެ.


 
 


އދ. ގެ ސުލްހަ ބަލަހައްޓާ އޮޕްރޭޝަންތަކުގައި ދިވެހި ރާއްޖެއިން ޢަމަލީ ގޮތުން ބައިވެރިވާނީ ދިވެހި ސަރުކާރުން އެފަދައިން ކަނޑައެޅުމުންކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތުދެއެވެ.