މުނިފޫހިފިލުވުން

ފޯރިގަދަ ހުށައެޅުންތަކަކާއެކު ގާލާ ރައުންޑުގެ ޝޯވތައް މިރޭ ފަށަނީ


ގަދަ 12 ބައިވެރިންގެ ހިތްގައިމު ހުށައެޅުންތަކާއެކު މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ ޝޯވތައް މިރޭ ފަށާނެއެވެ. 

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ ފުރަތަމަ ޝޯވ ޓީ.ވީ.އެމުން ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މިރޭ 22:30 ގައެވެ.

ގަދަ 16 ބައިވެރިންގެ ވާދަވެރި ހުށައެޅުންތަކަކާއެކު ޕިއަނޯ ރައުންޑުގެ ޝޯވތައް މިދިޔަ ހަފްތާގައި ނިންމާލާފައިވާއިރު، ކުރިއަށް އޮތް ގާލާ ރައުންޑުން ޖާގަ ހޯދި ބައިވެރިންގެ ތެރޭގައި ތިއޭޓަރ ރައުންޑުން ޕިއާނޯ ރައުންޑަށް ގޯލްޑަން މައިކާއެކު ދަތުރުކުރި 4 ބައިވެރިންވެސް ހިމެނެއެވެ. މި 4 ބައިވެރިންނަކީ ހަސަން ޝަހުދާން، އިބްރާހީމް ޝަމްވީލް، އައިމިނަތު ސައިނާ މުހައްމަދު ރަޝީދު އަދި ރައިޙާން އާދަމެވެ.

12 ބައިވެރިންގެ ހުށައެޅުންތައް މިރޭ ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، ގާލާ ރައުންޑުގެ ފުރަތަމަ ޝޯވއިންވެސް ބައިވެރިންގެ ފަރާތުން ހިތްގައިމު ހުށައެޅުންތަކެއް ފެނިގެންދާނެކަމަށް އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. ގާލާ ރައުންޑުގެ ޝޯވތަކާއެކު އައިޑަލްގެ ފޯރި އިތުރަށް ގަދަވެގެންދާނެކަމަށް ބެލެވެއެވެ. ސަބަބަކީ އައިޑަލްގެ ހަޤީޤީ ފެށުމަކީ ގާލާ ރައުންޑުކަމަށްވެފައި، ބައިވެރިންގެ މެދުގައި އޮންނަ ވާދަވެރިކަމުގެ އިތުރަށް، މިއިން ކޮންމެ ބައިވެރިއަކުވެސް ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރުމަށްޓަކާ ޖަޖުންނާއި ބެލުންތެރިންގެ ތާއީދާއި ސަޕޯޓު ހޯދުމަށްޓަކާ މަސައްކަތް ކުރާނެތީއެވެ. 

މިރޭގެ ޝޯވގައި ވާދަ ކުރާ ގަދަ 12 ބައިވެރިންގެ ތެރެއިން ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރާނެ ބައިވެރިން އިޢުލާންކުރުން އޮންނާނީ މާދަމާރޭ ބައްވާ ގާލާ ރައުންޑުގެ ފުރަތަމަ އެލިމިނޭޝަން ނައިޓުގައެވެ. އައިޑަލްގެ ޝޯވތައް ހަމަޖެހިފައިވާގޮތުން ކޮންމެ ޝޯވއެއްގައިވެސް ވާދަކުރާ ބައިވެރިންގެ ތެރެއިން ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރާނެ ބައިވެރިން ކަނޑައަޅާނީ ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން އެންމެ މަތިން ޕޮއިންޓް ހޯދާ ބައިވެރިންގެ ތެރެއިންނެވެ. 

ކުރީގެ ސީޒަންތަކެކޭ އެއްފަދައިން މިފަހަރުގެ ސީޒަނަށްވެސް ބެލުންތެރިންގެ ފަރާތުން އަދަޔާ ޚިލާފު ތަރުޙީބެއް ލިބެމުން އަންނައިރު، ޝޯވގައި ވާދަކުރާ އެކި ބައިވެރިންގެ ނަމުގައި ސޯޝަލް މީޑިއާގައި ފޭން ޕޭޖްތައް ހަދައި، ބައިވެރިންނަށް އޮންނަ ލޯތްބާއި، ތަރުޙީބުގެ ޝުޢޫރުތައް ފާޅުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.