ވިޔަފާރި

ފެބުރުއަރީމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ


ހީނަރުވަމުން އައި ޗައިނާ މާކެޓުން ލިބުނު ކުރިއެރުމާއިއެކު މިދިޔަ ފެބުރުއަރީމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %19.2 އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފެބުރުއަރީމަހު ރާއްޖެއަށް ވަނީ 144،286 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، ޗައިނާ، އިޓަލީވިލާތް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި ރަޝިއާއިންނެވެ.

ފެބުރުއަރީމަހު ޗައިނާއިން ދިވެހިރާއްޖެއަށް 33،506  ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިޓަލީވިލާތުން ވަނީ، 13،962 ފަތުރުވެރން ޒިޔާރަތްކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި އިނގިރޭސިވިލާތުން 11،362 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޖަރުމަނުވިލާތުން ވަނީ، 9،785  ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި ރަޝިއާއިން ވަނީ 6،953 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފެބުރުއަރީމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު އުޅެނީ 286،637 އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، %16.3 އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރިން ބުނީ ރާއްޖޭގައި މިހާރު އިއުލާނުކުރެވިފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ކުރިއަށްއޮތްތަނުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް އަސަރުކޮށްފާނެތީވެ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށާފައިވާކަމަށެވެ.