ކުޅިވަރު

މޮޅަށް ކުޅުނީ ނިއު، މޮޅުވުން ހައްޤީވެސް ނިއު - އައިޒޯލް ކޯޗު


ނިއުރޭޑިއަންޓާއި، އައިޒޯލް ވާދަކުރި މެޗުން މޮޅުވީ މޮޅުވުން ހައްޤު ޓީމު ކަމަށާއި، މެޗުގައި ނިއުރޭޑިއަންޓް ވަރަށް މޮޅަށް ކުޅުނުކަމަށް އިންޑިއާގެ އައިޒޯލް ޓީމުގެ ކޯޗު ސަންތޯޝް ކަޝްޔަޕް ބުނެފިއެވެ.

އޭ.އެފް.ސީ ކަޕްގައި ނިއުރޭޑިއަންޓާއި އައިޒޯލް ބައްދަލުކުރި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން އައިޒޯލް ޓީމުގެ ކޯޗު ބުނީ އޭނާގެ ޓީމަށް ނިއުރޭޑިއަންޓާއި ދެކޮޅަށް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ހިސާބުން ވަރަށް ބޮޑަށް އުނދަގޫ ވެގެން ދިޔަކަމަށެވެ. އަދި މިލެވަލްގެ މެޗެއްގައި ނިއުރޭޑިއަންޓް ކުރިން ޕްރެސްކޮށްގެން ކުޅުމުގެ ސަބަބުން ކުޅުންތެރިއަކު މަދުވުމުން އެތަން ވަރަށް ބޮޑަށް ދެއްކި ކަމަށެވެ. އެހެންނަމަވެސް މެޗުގައި ނިއުރޭޑިއަންޓުން ގޯލް ޖަހާފައިވަނީ އޭނާގެ ޓީމަށް ހެދުނު މިސްޓޭކްތަކުގެ ފައިދާ ނަގައިގެން ކަމަށް ކޯޗު ބުންޏެވެ.

ސަންތޯޝް ވަނީ ނިއުރޭޑިއަންޓުން މިމެޗުގައި ދެއްކި ކުޅުން ފާހަގަކޮށް އެޓީމަށް ތައުރީފްކޮށްފައެވެ.

" ހަޤީގަތުގައި މިޗުން މޮޅުވީ މޮޅުވުން ހައްޤު ޓީމު. ނިއުރޭޑިއަންޓް ވަރަށް މޮޅަށް ޕްރެސްކޮށްގެން އަރިމަތިތައް ބޭނުންކޮށްގެން ކުޅުނީ. އެޓީމްގެ ޕާސްތަކާއި ބިލްޑް އަޕް ޕްލޭވެސް ވަރަށް ރަނގަޅު. ހާއްސަކޮށް ދެވަނަ ހާފްގައި އެޓީމުން ދެއްކީ މޮޅު ކުޅުމެއް. ކުޅުންތެރިއެއް މަދުވުމަކީ މިލެވަލްގައި ވަރަށް އުނދަގޫ ކަމެއް." އައިޒޯލް ކޯޗު ބުންޏެވެ.

އައިޒޯލް ކޯޗު ބުނީ އޭނާގެ ޒުވާން ޓީމަށް މިއީ ރަނގަޅު ތަޖުރިބާއެއްކަމަށެވެ. އިންޓަރނޭޝަނަލް މެޗުތަކަށް ވަރަށް އާ ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމުން މިލެވަލްގެ މެޗުތަކަށް އިތުރަށް ތައްޔާރުވާން ޖެހޭކަމަށެވެ.