ކުޅިވަރު

މެސީ ފަދަ ކުޅުންތެރިއަކު އުފަންވާނީ 50 އަހަރުން: ކޮންޓޭ


ޗެމްޕިއަންސް ލީގުން ކެލްސީ ކެޓި މައިގަނޑު ސަބަބަކީ ބާސެލޯނާގެ ފޯވަޑް ލަޔޮނަލް މެސީ ކަމަށާއި، އޭނާ ފަދަ ކުޅުންތެރިއަކު އުފަންވާނީ ކޮންމެ 50 އަހަރަކުން ކަމަށްބުނެ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ މެސީއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފިއެވެ.

މެޗަށް ފަހު މެސީއާ ބައްދަލުކޮށް ވަރަށް ބޮޑަށް ވާހަކަ ދެއްކުމަށްފަހު ނޫސްވެރިން ގާތު ކޮންޓޭ ބުނީ މެސީއަކީ ދުނިޔެ ދެކެފައިވާ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. 

"މި ދައްކަނީ  މެޗެއް ނިންމާލުމުގެ ގާބިލްކަން ކޮންމެ ވަގުތަކުވެސް ލިބިފައިވާ ކުޅުންތެރިއެއްގެ ވާހަކަ. އޭނާ އަކީ އާދަޔާ ހިލާފު މޮޅު ކުޅުންތެރިއެއް. ބާސެލޯނާގެ އެޑްވާންޓޭޖަކީ މެސީ. ބާސެލޯނާ އާއި މެސީގެ ވާހަކައަކީ ތާރީހުގައި ލިޔެވޭނެ ވާހަކަތަކެއް. ޝައްކެއްނެތް،" 3-1 ން ޗެލްސީ މޮޅުވި މެޗުގައި ދެ ގޯލު ޖެހި ކުޅުންތެރިޔާއާ ބެހޭ ގޮތުން ކޮންޓޭ ބުންޏެވެ.

ރޭގެ މެޗުގައި މެސީ ޖެހި ދެ ގޯލާއެކު ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ގޯލުގެ އަދަދު ވަނީ 100 އަށް އަރައިފަ އެވެ. މިއީ މި މުބާރާތުގައި ކުޅުންތެރިއަކު 100 ގޯލު ޖެހި ދެ ވަނަ ފަހަރެވެ.

ކޮންޓޭ ބުނީ ދެ މެޗުގެ އެގްރިގޭޓުން 4-1 ން އޭނާގެ ޓީމު ބަލިވީ ވަރަށް ހިތްދަތި ގޮތަކަށް ކަމަށެވެ.

"އަހަރުމެން ދެ މެޗުގައި ޝޫޓްކުރި ބޯޅަތަކުގެ ތެރެއިން ހަތަރު ފަހަރު ދަނޑީގައި ބޯޅަ ޖެހުނު. މިހެންވީމަ މިއީ ވަރަށް ހިތްދަތިކަމެއް މި ގޮތަށް ބަލިވުމަކީ. ހާއްސަކޮށް ޗެލްސީގައި ކުޅުނު މެޗުގައި އަހަރުމެންގެ ކުޅުން ވަރަށް ރަނގަޅު. ބާސެލޯނާ އަކީ މޮޅު ޓީމެއް. އެންމެ މޮޅު ކުޅުންތެރިޔާ ހުރެ އެ ޓީމުގައި މޮޅު އެތައް ކުޅުންތެރިންނެއް އެބަތިބި. އެކަމަކު އަހަރުމެން ބަލިވުން ހައްގެއްނޫން ބައެއް ކަންތައްތަކަށް ބަލާއިރު،" ކޯޗު ބުންޏެވެ.