ކުޅިވަރު

ޗެމްޕިއަންސް ލީގުގައި މެސީ 100 ލަނޑު ހަމަކޮށްފި


ދުނިޔެ ދެކެފައިވާ މޮޅު އެތައް ފޯވަޑުންނެއް އެބަތިއްބެވެ. ބްރެޒިލްގެ މަޝްހޫރު ރޮނާލްޑޯ އާއި ސްޕޭނުގެ ކުރީގެ ކެޕްޓަން ރައުލް ގޮންޒާލޭޒް އާއި އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ އާއި އިޓަލީގެ ރޮބާޓޯ ބާޖިއޯ އަކީ ވެސް ޔޫރަޕުގެ ފުޓްބޯޅަ ލީގުތައް ފަތަހަކުރި ކުޅުންތެރިންނެވެ. އެކަމަކު ޗެމްޕިއަންސް ލީގުގައި 100 ގޯލު ޖެހުމަކީ މިއިން އެއްވެސް ކުޅުންތެރިއަކަށް ކުރެވުނު ކަމެއްނޫނެވެ. މިހާތަނަށް މި ޝަރަފު ލިބިފައިވަނީ މި ޖީލުގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލަޔޮނަލް މެސީ އަށެވެ.

ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތުގައި މެސީ އޭނާގެ 100 ގޯލު ހަމަކުރީ ރޭ ޗެލްސީ ކޮޅަށް ދެ ލަނޑު ޖަހައިގެންނެވެ. އޭނާ އަކީ 100 ހަމަކުރި ދެ ވަނަ ކުޅުންތެރިޔާއެވެ. ނަމަވެސް މެސީގެ 100 ގޯލަކީ މުބާރާތުގެ އެންމެ އަވަސް 100 ގޯލެވެ. އޭނާ މިއަދަދަށް ގޯލު ޖެހީ އެންމެ 123 މެޗުންނެވެ. މުބާރާތުގެ ތާރީހުގައި އެންމެ ފުރަތަމަ 100 ގޯލު ޖެހުމުގެ ޝަރަފު ރޮނާލްޑޯ ހާސިލްކުރީ 148 މެޗުންނެވެ.

ރޭގެ މެޗަށް ފަހު މެސީ ބުނީ ޗެމްޕިއަންސް ލީގުގައި 100 ލަނޑު ހަމަކުރުމަކީ ކުޑައުފަލެއްނޫން ކަމަށެވެ. މިއީ މުޅި ޓީމުގެ މަސައްކަތުން ހާސިލްކުރެވުނު ކާމިޔާބީއެއް ކަމަށާއި ނަމަވެސް 100 ލަނޑު ހަމަކުރަން އޭނާ އުއްމީދުކުރާތާ ވަރަށް ދުވަސް ވެއްޖެކަމަށެވެ.

މުބާރާތުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައިވަނީ 117 ގޯލު ޖަހާފައިވާ ރޮނާލްޑޯއެވެ. ނަމަވެސް ދެ ކުޅުންތެރިންގެ އުމުރަށް ބަލާއިރު މެސީ ދެ އަހަރު ހަގުވުމުން، މިއީ އޭނާއަށް އަރާ ހަމަކުރެވޭނެ ރެކޯޑެއްތޯ އެހުމުން އާޖެންޓީނާގެ ކެޕްޓަން ބުނީ ފުޓްބޯޅައިގައި ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.