ޚަބަރު

ހައިކޯޓްގެ ފަނޑިޔާރުކަމަށް ޙަސަން ޢަލީ އައްޔަންކުރުމަށްނިންމައިފި


ހައިކޯޓްގެ ފަނޑިޔާރުކަމަށް އަލްއުސްތާޛް ޙަސަން ޢަލީ އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ދަފްތަރު ނަމްބަރު 9038 އަލްއުސްތާޛް ޙަސަން ޢަލީ ހައިކޯޓްގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ނިންމާފައިވަނީ، މިއަދު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުންކަމަށް އެކޮމިޝަނުން ބުނެއެވެ. ހައިކޯޓްގެ ފަނޑިޔާރުކަމަށް ބޭފުޅަކު އައްޔަންކޮށްފައިވަނީ، އެމަޤާމަށް ކުރިމަތިލުމަށް ހުޅުވާލައި، ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހުއެވެ.

އަލްއުސްތާޛް ޙަސަން ޢަލީއަކީ ކުރިން ހައިކޯޓްގެ ރަޖިސްޓްރަރ ކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމާއި، އިމިގްރޭޝަން ކޮންޓޮރޯލަރގެ މަޤާމާއި، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރކަންވެސް އަލްއުސްތާޛް ޙަސަން ޢަލީ ވަނީ ކުރައްވާފައެވެ.

ޙަސަން ޢަލީ ހައިކޯޓްގެ ފަނޑިޔާރުކަމަށް އައްޔަންކުރުމާއެކު، ހައިކޯޓްގެ ފަނޑިޔާރުންގެ ޢަދަދު 9 އަކަށް އިތުރުވާނެއެވެ. ކޯޓްތަކުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާޙްގައިވާގޮތުން ހައިކޯޓްގައި 11 ފަނޑިޔާރުން ތިއްބަވަންޖެހެއެވެ.