ކުޅިވަރު

އިންޑިޔާގެ އައިޒޯލް ބަލިކޮށް، ނިއު ކުރިއަށް!


އަޝްފާގްގެ ހެޓްރިކުން ފަހަތުން އަރާ އިންޑިއާގެ އައިޒޯލް އެފް.ސީ ބަލިކޮށް، ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބް އޭ.އެފް.ސީކަޕް ގްރޫޕްގެ އެއްވަނާގައި ހަމަޖެހިލައިފިއެވެ. މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި އައިޒޯލް އާއި ވާދަކުރި މެޗު ނިއުރޭޑިއަންޓް ކާމިޔާބުކުރީ 3-1 ނެވެ.

މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އައިޒޯލްއެވެ. މިލަނޑު މެޗުގެ ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ ލާލް ރާމްއެވެ.

އެހެންނަމަވެސް އޭގެ ކުޑަ އިރުކޮޅެއް ފަހުން މެޗުގައި އަޝްފާގް ޖެހި ފުރަތަމަ ލަނޑާއެކު ނިއުރޭޑިއަންޓުން ވަނީ ހާފް ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފް އެއްކޮށް ކަހަލަ ގޮތަކަށް ޑޮމިނޭޓްކޮށްގެން ކުޅުނީ ނިއުރޭޑިއަންޓުންނެވެ. އަދި މެޗުގެ ދެވަނަ ހާފްގައި ކީޕަރ އިމްރާންއަށް މާބޮޑު މަސައްކަތެއް ކުރަން ޖެހިފައެއް ނުވެއެވެ.

ނިއުރޭޑިއަންޓުން މެޗުގައި ލީޑް ނެގީ އައިޒޯލް ޓީމުގެ ކުޅުންތެރިއަކަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލި ފަހުންނެވެ.

އަޝްފާގްގެ ދެވަނަ ލަނޑަކީ ހިޝާމް ސަލީމް ނަގައިދިން ހުރަހަކުން ނިއުރޭޑިއަންޓަށް ކާމިޔާބުކޮށްދިން ލަނޑެކެވެ. އަޝްފާގްގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގައި ފެނުނު އެންމެ ހިތްގައިމު ލަނޑުންނެވެ.

މެޗަށްފަހު އަޝްފާގް ބުނީ މިއީ އޭނާގެ އެންމެ މޮޅު ކުޅުން ނޫން ކަމަށާއި އަދިވެސް އިތުރަށް ރަނގަޅު ކުރެވޭނެ ކަމަށެވެ.

މެޗަށްފަހު އައިޒޯލް އެފް.ސީގެ ކެޕްޓަން އަލްފްރެޑް ކެމަހް ބުނީ މިއީ ވަރަށް އުނދަގޫވި މެޗެއް ކަމަށެވެ. އެހެންނަމަވެސް މިމެޗުން ބަލިވިނަމަވެސް މި ނިމުނީ ނޫން ކަމަށާއި، އައިޒޯލް ޓީމު ކުރިއަށް ހުރި މެޗުތަކުގައި އިތުރަށް ރަނގަޅުކޮށް ކުރިއަށް ދާނެކަމަށެވެ.

ނިއުރޭޑިއަންޓަށް އޭ.އެފް.ސީ ކަޕްގައި ދެން ކުރިއަށް އޮތީ އިންޑިއާގެ ބެންގަލޫރު އެފް.ސީ އާއި ބައްދަލުކުރާ މެޗެވެ

ގްރޫޕްގައި ކުޅުނު ދެ މެޗުން މޮޅުވެ ނިއުރޭޑިއަންޓް މިހާރު ވަނީ ހަ ޕޮއިންޓު ހޯދާފައެވެ.