ޚަބަރު

ގޮހޮރުގެ ކެންސަރުގެ އޮޕަރޭޝަން ކުރި މީހާގެ ޙާލު ރަނގަޅު - ޑޮކްޓަރ


ރާއްޖޭގައި މިހާތަނަށް ކުރި ގޮހޮރުގެ އެންމެ ބޮޑު އޮޕަރޭޝަންކުރި ބަލިމީހާގެ ޙާލަތު ރަނގަޅުކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އައިޖީއެމްއެޗުން ބުނެފިއެވެ. އޮޕަރޭޝަންކުރި ޓީމުގައި އިސްކޮށް ޙަރަކާތްތެރިވި ޑޮކްޓަރާއި ޓީމުގެ މެންބަރުންނާ ޕީއެސްއެމް ނިއުސްގެ ފަރާތުން ބައްދަލުކޮށް މިކަމާބެހޭ އިތުރު ތަފްޞީލު ހޯދާލީމެވެ. 

ރާއްޖޭގައި މިހާތަނަށް ގޮހޮރުގެ ކެންސަރާ ގުޅުން ހުރި އެންމެ ބޮޑު އޮޕަރޭޝަން ކޮށްފައިވަނީ މިހިގާ މާރިޗް މަހުގެ އެގާރަވީ އާދީއްތަދުވަހުއެވެ. މިއޮޕަރޭޝަންކުރީ މިދާއިރާއިން ޚާއްޞަވެފައިވާ ހަމައެކަނި ދިވެހި ޑޮކްޓަރު މުޙައްމަދު ޝިފާނުގެ އިސްނެންގެވުމުގެ މަތިން، އިތުރު ޑޮކްޓަރުންނާ ނަރުހުން ހިމެނޭ 10 މީހުންގެ ޓީމަކުންނެވެ. އައިޖީއެމްއެޗުގެ އޮންކޮލޮޖީ ނުވަތަ ކެންސަރުގެ ފަރުވާއަށް ޚާއްޞަކޮށްފައިވާ ޑިޕަރޓްމަންޓުގެ ސާރޖަން، ޑޮކްޓަރު ޝިފާނަކީ މިއަހަރުގެ ޖެނުއަރީމަހު އެހޮސްޕިޓަލާ ގުޅިވަޑައިގެން ސާރޖަރީ ޑިޕާޓްމަންޓް ހިންގަވަމުން ގެންދަވާ ޑޮކްޓަރެވެ. ޑޮކްޓަރ ޝިފާން ވިދާޅުވީ މިހާރުވެސް ރާއްޖޭގައި އުރަމައްޗާއި، ތައިރޮއިޑަށް ޖެހޭ ކެންސަރާ ގުޅޭ ކުދި އޮޕަރޭޝަންތައް ކުރަމުންއަންނަކަމަށެވެ. ނަމަވެސް މިއީ ކެންސަރާ ގުޅުންހުރި މިފަދަ ބޮޑު އޮޕަރޭޝަނެއް ރާއްޖޭގައި ކުރި ފުރަތަމަ ފަހަރުކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ. 

ހަގަޑިއިރަށް ދިގުދެމިގެންދިޔަ މިއޮޕަރޭޝަން ކުރި ބަލިމީހާއަކީ އުމުރުން ހަތްދިހަ އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާގެ މުޅި ބަނޑަށް ކެންސަރު ޖެހިފައިވާތީ ގޮހޮރު ނަގައިގެން ކުރި މިއޮޕަރޭޝަނުގެ ތަފްޞީލު ޑޮކްޓަރު ޝިފާން ޕީއެސްއެމް ނިއުސްޓީމާ ހިއްސާކުރެއްވިއެވެ. 

"މިފަހަރުމިކުރި އޮޕަރޭޝަނުގައި ޕޭޝަންޓުގެ މުޅި ގޮހޮރަށް ކެންސަރު ޖެހިފައިވުމުން މުޅި ގޮހޮރުޖެހުނީ ނަގާލަން. އަދި ގޮހޮރުގެ ބަދަލުގައި ކާއެއްޗެތި ދާހޮޅި ކުޑަގޮހޮރާ ގުޅުވާ،ރިޒެވޮއިއެއް ހަދާފައި. ފިތުންނާ، ޗިސްމޭއިން އަންނަ އެއްޗެހި ދާ ހޮޅިތައް ވަކިންއަނެއްކާވެސް ކުޑަގޮހޮރާ ގުޅުވާފައި." ޑރ.ޝިފާނު ވިދާޅުވިއެވެ.

ޝިފާނު ވިދާޅުވީ މިފަދަ އޮޕަރޭޝަނެއް ކާމިޔާބުވުމުގެ އަޞްލަކީ  ޓީމުގެ ކާމިޔާބު މަސައްކަތްތަކަމަށެވެ. އަދި އައިޖީއެމްއެޗުގެ މެނޭޖްމަންޓުން ސާރޖަރީއާބެހޭ ޑިޕާޓްމަންޓުގެ ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޑޮކްޓަރ ޝިފާނު ވިދާޅުވިއެވެ. އޮޕަރޭޝަނަށްފަހު ބަލިމީހުންގެ ފަރުވާ ކުރިޔަށްދާގޮތުގެ ތަފްޞީލުވެސް ޑޮކްޓަރ ޝިފާން ބަޔާންކޮށްދެވިއެވެ. 

"ޕޭޝަންޓް މިހާރު ސްޓޭބަލް. ނަމަވެސް އަދިވެސް އޮބްޒަރަވޭޝަންގައި އޮތީ އަދިވެސް. 4-5 ދުވަސްތެރޭގައި ކާންދޭން ފަށާނަން. އޮބްޒަވޭޝަންގައި ބާޢްވާއިރު ބަލިމީހާގެ ޙާލަތާގުޅޭހެން ދޭންޖެހޭ ޓްރީޓްމަންޓުތައް ދެމުންދާނީ. ކެންސަރަށްފަރުވާ ދިނުމަށް އޮންނާނީ ތިން ސްޓޭޖެއް. މިބޭފުޅާގެ ބަލި ހުރިގޮތުން ރޭޑިއޭޝަން ނުދިނަސް، ކީމޯ ތެރަޕީދެމުންދާނީ"  ޑރ.ޝިފާނު ވިދާޅުވިއެވެ. 

ގޮހޮރުގެ އޮޕަރޭޝަން ކުރި ބަލިމީހާގެ ޢާއިލާގެ މީހުންވެސް ތިބީ އޮޕަރޭޝަން ކާމިޔާބުވުމުން އެކަމާއި އުފަލުންނެވެ. ޑރ. ޝިފާންގެ މަސައްކަތާމެދު ހިތްހަމަޖެހޭކަމަށް ޢާއިލާގެ ފަރާތުން ވާހަކަ ދެއްކި ބަލި މީހާގެ ދަރިފުޅު ބުންޏެވެ.

"ބޮޑުކަމުދިއުމުގައި މައްސަލަތަކެއް ހުރުމުން އެހެންހޮސްޕިޓާތަކުން ޑޮކްޓަރުންނާ ދައްކަނިކޮށް ކެންސަރު ހުރިކަން އިނގުނީމަ ވަރަށްގިނަ ޑޮކްޓަރުންގެ ލަފައިގެ މަތިން ފަރުވާދިނުމަށް ޑޮކްޓަރ ޝިފާނަށް ދެއްކީ.އުމުރުން ދުވަސްވެފައިވުމުން ފަރުވާދޭން ދަތިތައް ހުރި އެކަމަކުވެސް ޑޮކްޓަރޝިފާން ބުނި ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށް ސަލާމަތްކުރަން. ދެންހޮސްޕިޓަލުގައި ބޭއްވީ ސުރެން ކަންތައްތައް ދިޔައީ ވަރަށް ހިންހަމަޖެހޭހެން. ޝުކުރުދަންނަވަން ޑޮކްޓަރ ޝިފަން ބެހެއްޓެވި ގާތްކަމަށް. ކޮންމެ ގަޑިއަކުވެސްއަޅުގަނޑުމެނަށް ޑޮކްޓަރާ ބޭނުން އެއްޗެއް އެހޭހެން އޮތީ." ބަލިމީހާގެ ދަރިފުުޅު ޕީއެސްއެމް ނިއުސްއަށް ކިޔައިދިނެވެ.

މިއޮޕަރޭޝަނުގައި ބައިވެރިވި އައިޖީއެމްއެޗުގެ ސާރޖަރީ ޑިޕާރޓްމަންޓުގެ ކޮންސަލްޓަންޓް ސާރޖަން ޑޮކްޓަރު ޢަލީ އާފީ ވިދާޅުވީ، މިއޮޕަރޭޝަންކުރީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތަކުގެ އެހީގައި ކަމަށެވެ. ޑރ. އާފީގެ ވާހަކަފުޅުފައިގައިވެސް އޮޕަރޭޝަނުގެ ދާއިރާ ކުރިއަރުވާ ރާއްޖެއިން ކުރިން ލިބެންނެތް ގިނަ އޮޕަރޭޝަންތައް ރާއްޖޭގައި ކުރެވޭނޭ އިންތިޒާމް ހަމަޖައްސަން އައިޖީއެމްއެޗުން ކުރަމުންދާ މަސައްކަތް ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި ފުރަތަމަ ފަހަރަށް މިފަދަ އޮޕަރޭޝަނެއް ކުރިކަމުގައިވިޔަސް އަޅުގަނޑުމެން ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބޭނުންކުރާފަދަ ސްޓޭންޑަޓް ޕްރޮސީޖަރސް އަދި އިންސްޓްރޫމަންޓްސް ބޭނުންކޮށްގެން އޮޕަރޭޝަންކުރީ. ކުޑަގޮހޮރަށް ބޮޑުކަމުދާ ނިޒާމުގެ ހޮޅި ގުޅުމަށްވެސް ބޭނުންކުރީ އެންމެ ފަހުގެ މިފަދަ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ސްޓޭޕްލިން ޑިވައިސަސްއާ އެއްޗެހި. ދުނިޔޭގެ ފެންވަރުގެ އޮޕަރޭޝަނެއް ކުރެވިގެން މިދިޔައީ. އައި.ޖީ.އެމް.އެޗުގައި މިކަންތައްކުރުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްވެފައިހުރުމުން ޕޭޝަންޓްގެ އާފްޓަރކެއަރވެސް ރަގަނޅަށް ކުރިޔަށްދާނެކަމަށް މިބަލަނީ. ރޭޑިއޭޝަންގެ ޚިދްމަތް ތަޢަރަފްކުރުމުން ރާއްޖޭގައި ކެންސަރު ބައްޔަށްދޭ ފަރުވަ ވަރަށް ބޮޑަށްފުޅާވެގެންދާނެ" ޑރ.އާފީ ވިދާޅުވިއެވެ.

ރާއްޖޭގައި ކެންސަރުބަލީގެ މީހުންނަށްދޭ ފަރުވާ އިތުރަށް ހަރުދަނާކުރުމަށް އައިޖީއެމްއެޗުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޤައުމީ ފެންވަރެއްގައި ކެންސަރު ސްކްރީންކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ކަމާބެހޭފަރާތްތަކާއެކު އައިޖީއެމްއެޗުންދަނީ މަޝްވަރާވެސް ކުރަމުންނެވެ.