ޚަބަރު

ވިލިމާލެ ހުޅަނގު ބަނދަރުގެ ޢަމަލީ މަސައްކަތް ނިމިއްޖެ


ވިލިމާލެ ހުޅަނގު ބަނދަރުގެ ޢަމަލީ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓިން އެންޑް ކޮންޓްރޭކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ބުނެފިއެވެ. އެމް.ޓީ.ސީ.ސީން ބުނީ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރާ ދިމާއިން އެއްގަމުގެ ފަސްގަނޑު އެއްވަރުކުރުމުގެ މަސައްކަތްކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ ވިލިމާލެ ހުޅަނގު ބަނދަރުގެ މަސައްކަތް މިދިޔަ ހަފްތާތެރޭގައި ނިމިފައިވާކަމަށެވެ.

" އަލަށް ތަރައްޤީކުރި ބަނަދަރަކީ ވިލިމާލޭގައި ކުރީގައި ކުނި ބާލަން ތައްޔާރުކޮށްފައިވާ ބަނދަރު. އެ ބަނަދަރުގެ މަސައްކަތް އެއްކޮށް މިދިޔަ ހަފްތާތެރޭގައި ވަނީ ނިންމާލާފަ. ބަނދަރުގަ މިހާރު ނުނިމި ހުރީ އެއްގަމުގައި ލެވެލް ކޮށްލުމުގެ މަސައްކަތް . އެ މަސައްކަތްވެސް މިހަފްތާތެރޭގައި ނިމޭނެ." މުޙައްމަދު ހުޝާމް  ވިދާޅުވިއެވެ.

ވިލިމާލެ ހުޅަނގު ބަނދަރުގެ މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން އަށްމިލިޔަން ނުވަސަތޭކަ ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން ވިލިމާލޭ ހުޅަނގު ބަނދަރުގައި 73 މީޓަރުގެ ބޮޑުހިލައިގެ ކަނޑު ތޮށްޓެއް ވަނީ ލާފައެވެ. މީގެ އިތުރުން ބަނދަރު ތިލަވެފައިވާ ސަރަޙައްދުތައް 3 މީޓަރުގެ ފުނަށް ކޮނެފައި ވާއިރު 42 މީޓަރު ދިގު ކޮންކްރީޓް ސްލިޕްވޭއެއްވެސް ވަނީ ހަދާފައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީއާ ސަރުކާރުން ހަވާލުކޮސްފައިވަނީ 2015 ވަނަ އަހަރުގައެވެ.

ރާއްޖޭގެ ރަށްރަށުގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ދަނީ ބާރު ސްޕީޑެއްގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި މުޅިން ހައްލުވެގެންދާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.