ޚަބަރު

ލޯނު ނަގަނީ ދަރަނިވެރިނުވާނެކަން އެގޭތީ - ސައީދު


ސަރުކާރުން ބޭރުޤައުމުތަކުން ލޯން ނަގަމުންދަނީ އެ ލޯންތައް ދެއްކޭނެކަމާއި ދައުލަތް ދަރަނިވެރި ނުވާނެކަމުގެ ޔަޤީންކަން އޮވެގެންކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދަޅުވެއްޖެއެވެ. މިނިސްޓަރ ސައީދު ވިދާޅުވީ ސަރުކާރުން ބޭރުގެ ޤައުމަތަކުންނާއި ބޭންކުތަކުން ލޯނު ނަގަނީ ސަރުކާރަށް އާމްދަނީ ލިބޭނެ މަޝްރޫޢުތަކަށް އެކަނިކަމަށެވެ. 

ރައީސުލްޖުމްހުރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންނަށް ބައްދަލުވުމުގައި ބޭރުގެ ނޫސްވެރިންވަނީ ރާއްޖޭގައި ހިންގަމުން ގެންދާ ގިނަ މަޝްރޫޢުތައް ލޯން ނަގައިގެން ކުރިއަށްދާކަމަށް ބުނެ ގިނަ ސުވާލުތަކެއް ސަރުކާރާއި ކުރިމަތިކުރުވާފައެވެ. ނޫސްވެރިންގެ މި ސުވާލުތަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އިނދަޖެހިފައިވާ އިޤްތިޞާދު ކޮޅަށްޖަހާ ޤައުމުގެ އިޖްތިމާޢީ ހާލަތު ރަނގަޅުކުރުންކަމަށެވެ. އެގޮތުން ރާއްޖޭގައި ކުރިއަށްދާ ބޮޑެތި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ ޒުވާނުންގެ ސިޓީ ތަރައްޤީކުރުމާއި ދިވެހިންގެ މައި އެއަރޕޯޓް ތަރައްޤީކުރުމާއި ފަތުރުވެރިކަމުގެ ދާއިރާގެ އެނދު ގިނަކުރުމަށް ކުރާ އިންވެސްޓަކީ ދިގު މުއްދަތެއްގެ ތެރޭގައި ރާއްޖެއަށް އެކަމުން ފައިދާ ކުރާނެ މަޝްރޫޢުތަކެއްކަމަށެވެ. އަދި އެ މަޝްރޫޢުތަކުން ދައުލަތް ދަރަނިވެރި ނުވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ބޮޑެތި ބިޔަ އިންވެސްޓްމަންޓްތައް ހިންގަން ލޯނު ނަގަނީ އިންޓަރެސްޓް ވަރަށް ކުޑަކޮށްކަމަށާއި، އަދި ބައެއް މަޝްރޫޢުތައް ހިންގަނީ ބޭރުގެ ފަރާތްތަކުން ލިބިފައިވާ ހިލޭ އެހީގައިަކަމަށެވެ. ރާއްޖޭގައި އިންވެސްޓްކުރުމަށް މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާކަމަށާއި، ޤައުމުތަކުން ރާއްޖޭއަށް ލޯން ދެނީ ރިސްކް އެސެސްމަންޓާއި އެކަމުން ލިބޭނެ ފައިދާއަށް ބަލާފައިކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. ރާއްޖޭގެ އިންވެސްޓްކުރުމަށް ބޭރުގެ ގިނަ ޤައުމުތަކަކުން އަދިވެސް ޝަޢުގުވެރިކަން ފާޅުކުރަމުންދާކަމަށާއި، މިއީ ހަމައެކަނި އިންޑިއާ ޗައިނާއަށް އޮތް ފުރުސަތެއްނޫންކަމަށްވެސް ސައީދު ވިދާޅުވިއެވެ. 

" ރާއްޖެއަށް ލޯން ދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ބޭންކުތަކުން ތިބީ ތައްޔާރަށް. ރާއްޖޭގައި އިންވެސްޓްކުރުމަށް މުޅި ދުނިޔެއަށް އޮތީ ހުޅުވާލެވިފައި. މިހާރުވެސް ރާއްޖޭގައި އިންވެސްޓް ކުރޭ ޔޫރަޕްގެ ޤައުމުތަކާއި، ޔޫސް، އިންޑިއާ، ޗައިނާ، ހޮންގކޮންގ، ކޮރެއާ، ސައުދިއަރަބިއާ، ސިންގަޕޫރު ފަދަ ޤައުމުތައް". މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ޢުމްރާނީ ތަރައްޤީގެ އިންވެސްޓްމަންޓްތަކުގައި އިންޑިއާގެ ބޭންކުތަކާއި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރަމުން އަންނަކަމަށެވެ. އެގޮތުން ހައުސިންގ މަޝްރޫޢުތަކާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުހެދުމުގެ މަޝްރޫޢުތަކަށް އިންވެސްޓްކުރަނީ އިންޑިއާގެ ކުންފުނިތަކުންކަން މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ. ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތް އެތައް ގުނައަކަށް ކުރިއަރައިގެން ގޮސްފައިވާކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި އަހަރު ރެކޯޑް ޢަދަދަކަށް ފަތުރުވެރިންގެ ރާއްޖެއަށް ޒިޔާރަތްކުރިކަމަންވެސް މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ.  ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތު އޮތީ ވަކި ޤައުމުތަކަށް ކަމަށް ބުނާ ވާހަކަތައް ސަރުކާރުން އަންނަނީ ދޮގުކުރަމުންނެވެ. މިގޮތުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތު ކޮންމެ ޤައުމަކަށް އޮތްކަން ސަރުކާރުން ބުނެއެވެ.