ކުޅިވަރު

ވޮލީ ތަށި އަހުމަދިއްޔާ މިލްކްކޮށްފި


މައިލޯ އިންޓަރ ސްކޫލް ވޮލީ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެންބައިގެ ޗެންޕިއަންކަން ވިދިވިދިގެން ތިންވަނަ ފަހަރަށް އަހުމަދިއްޔާ ސްކޫލް ހޯދައިފިއެވެ. 

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް މިބައިގެ ތަށި މިލްކުކުރީ ރޭ ކުޅުނު ފައިނަލްގައި މެޕްސް ކޮލެޖާއި ވާދަކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗްގެ ސެޓްތައް އަހުމަދިއްޔާ ގެންދިޔައީ 25-14، 25-12 އަދި 25-8 ނެވެ. 

ފައިނަލް މެޗުގެ ކުރިން ލީގު ބުރުގައި މިދެ ޓީމް ވާދަކުރި މެޗު ވަރަށް ވާދަވެރިކޮށް ދިޔަނަމަވެސް، ފައިނަލް މެޗުގައި މެޕްސް ކޮލެޖަށް މާރަނގަޅު ކުޅުމެއް ދެއްކިފައެއްނުވެއެވެ. މެޗުގައި ދެ ޓީމުންވެސް ވަރަށް އާދައިގެ ޕޮއިންޓްތަކެއް ގެއްލުވާލި މެޗުގައި އަހުމަދިއްޔާއިން ވަނީ ކޮންމެ ސެޓެއްގައިވެސް ސާވިސްއިންނާއި ޝޮޓްތަކުން ގިނަ ޕޮއިންޓްތަކެއް ހޯދާފައެވެ. މެޗުގެ ފަހު ސެޓްގައި މެޕްސްގެ ފަރާތުން މާއެދެވޭ ކުޅުމެއް ނުފެނުނެވެ. އަދި އެޓީމްގެ ކުޅުންތެރިން ފެނުނީ ވަރަށް ވަރުބަލިކޮށެވެ.

 ފައިނަލް މެޗަށްފަހު އަހުމަދިއްޔާ ސްކޫލާ އެކު ތަށި މިލްކުކުރި ކޯޗް ޝުއެއިބު އަހުމަދު ބުނީ މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. ލީގު ބުރުގައި ވަރަށް ވާދަވެރިކޮށް ދިއުމުން، ފައިނަލް މެޗަށް ނިކުތީ ވަރަށް ބޮޑަށް ތައްޔާރުވެގެންކަމަށާއި، ފައިނަލް މެޗުން މޮޅުވެވުނީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުންކަމަށެވެ.

"މިއީ އަސްލުގައި ވަރަށް ތާރީހީ ވަގުތުކޮޅެއް. ޖެހި ޖެހިގެން ތިންވަނަ ފަހަރަށް ތަށި މިލްކުކުރެވަމަކީ އެހާ ފަސޭހަކަމެއްނޫން. މިއީ ކުޅުންތެރިންނާއި ސްކޫލްގެ މެނޭޖްމަންޓްގެ ހިތްވަރު. ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ސްކޫލްގެ ކިޔެވުމަށްވެސް އިސްކަންދެމުން ކުޅުންތެރިން ކުރި ބުރަ މަސައްކަތް." ޝުއައިބު ބުންޏެވެ.

މެޕްސް ކޮލެޖުގެ ކޯޗު އިބްރާހީމް ފަޒީލް ބުނީ ސްކޫލްތަކުގެ ޓެސްޓް ދުވަސްކޮޅުވުމުން، ކުޅުންތެރިންނަށް މެޗަށް އެހާ ބޮޑަށް ސަމާލުކަން ނުދެވުނީކަމަށެވެ. އަދި ސްކޫލްގެ ކިޔެވުން ނިންމާފަ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުން ކުޅުންތެރިން މާބޮޑަށް ވަރުބަލިވީކަމަށް ފަޒީލް ބުންޏެވެ.

"ފައިނަލް މެޗަށް އެހާ ބޮޑަށް ތައްޔާރު ނުވެވުނީ، ސްކޫލްގެ ޓެސްޓް ދުވަސްވަރުވުމުން. ގިނަ ކުދިންނަށް ފަރިތަކުރުންތަކަށް ނާދެވުނީ، ސްކޫލް ނިންމާފަ ގިނަ ކުދިން މާބޮޑަށް ވަރުބަލިވާތީ. ބޮޑަށް ޓެސްޓަށް އިސްކަން ދެވުނީ. އެހެންވެގެން މިގޮތަށް މިދިޔައީ. ކުރެވުނު ފަރިތަކުރުންތަކާ ބަލާއިރު މިނަތީޖާވެސް ހިތްހަމަޖެހޭ. އަދި މިއީ މެޕްސް ކޮލެޖް ފައިނަލްގައި ވާދަކުރި ފުރަތަމަ ފަހަރުކަމުން މިއީވެސް ކާމިޔާބީއެއް." ފަޒީލް ބުންޏެވެ.