ކުޅިވަރު

ކޯޗަކީ ޕްރިންސިޕަލް، 3 ތަށްޓާއެކު ގޮއިދޫ ސްކޫލަށް ބޮޑު އުފަލެއް!


އިންޓަރ ސުކޫލް ވޮލީބޯޅ މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަންވެސް ބ.އަތޮޅު ގޮއިދޫ ސުކޫލު ހޯދައިފިއެވެ. 

ގޮއިދޫ މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ހޯދީ ފައިނަލުގައި ވިލިގިނލީ މުހުޔިއްދީން ސުކޫލާ ވާދަކޮށް ސީދާ ތިންސެޓުން މެޗު ކާމިޔާބުކޮއްގެންނެވެ. ގޮއިދޫން މެޗުގެ ސެޓުތައް ގެންދިޔައީ 25-14، 25-11 އަދި 25-17 ނެވެ. 

14 އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން ގޮއިދޫ ސުކޫލު ހޯދީ ފައިނަލުގައި ތާޖުއްދީން ސުކޫލު ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. ފައިނަލު މެޗުގެ ސެޓުތައް ގޮއިދޫ ގެންދިޔައީ 25-16 ،25-11، އަދި 25-16 ނެވެ. 

އިއްޔެ ކުޅުނު ދެ ފައިނަލު ކާމިޔާބުކުރުމަށްފަހު މުބާރާތުގެ ތިން ކެޓަގަރީއެއްގެ ޗެންޕިއަންކަން ހޯދި ކޯޗު މުހަންމަދު ނިޒާމް ބުނީ ރަށުން ފުރައިގެން މުބާރާތުގައި ކުޅެން މާލެ އައީ ތިންތަށި ހޯދަންކަމަށާއި، އެކަން ހާސިލުވުމުން ބޮޑު އުފަލެއް ލިބިގެން ހިނގައްޖެކަމަށެވެ. ސުކޫލުގެ ޕްރިސިޕަލްގެ މަޤާމުވެސް އަދާކުރަމުން ގެންދާ ނިޒާމް ބުނީ މުބާރާތުގައި އެސުކޫލުން ވާދަކުރީ ވަރަށް ޅަ ކުޅުންތެރިން ކަމަށާއި، ހާއްސަކޮށް އިންޑޯ ކޯޓަށް އަލަށް ކުޅެން ނިކުއިން ކުދިން ގިނަކަން ނިޒާމް ފާހަގަކުރިއެވެ. ނިޒާމު ބުނީ މިމުބާރާތުން މިފަދަ ބޮޑު ކާމިޔާބެއް ލިބުނީ ކޯޓުތެރޭގައި ކުޅުންތެރިން ޓެކްނިކަލީ މާމޮޅު ކުޅުމެއް ދައްކައިގެން ނޫންކަމަށާއި، ކާމިޔާބީގެ ސިއްރަކީ ކުޅުންތެރިން މެޗުތަކުގައި ދެއްކި ހިތްވަރާއި ކުރި ބުރަމަސައްކަތް ކަމަށެވެ.

" އަޅުގަނޑުމެން ރަށުން ފުރައިގެން މާލެއައީ މުބާރާތުގެ ތިން ތަށި ހިފައިގެން ދާން. އެކަން ހާސިލްވުމުން ބޮޑު އުފަލެއް ލިބިއްޖެ." ތިން ތަށި ހޯދައިދިން ކޯޗު އަދި ޕްރިންސިޕަލް ބުންޏެވެ.