ކުޅިވަރު

އޭދަފުށި ކަޓުވާލާ، ބ.އަތޮޅު ޗެމްޕިއަންކަން ފެހެންދޫ ހޯދައިފި


މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން މަޝްހޫރު އޭދަފުށި ކަޓާ، ބ.އަތޮޅު ޗެމްޕިއަންކަން ފެހެންދޫ ހޯދައިފިއެވެ. 

ދެހާސް ސޯޅަވަނަ އަހަރު މުބާރާތް ކާމިޔާބު ކުރި އޭދަފުށި ކެޓީ ފައިނަލުގެ ދެވަނަ ލެގުގައި އިއްޔެ ފެހެންދޫއާ ވާދަކޮށް ދެ ލަނޑު ސުން ލަނޑުން މޮޅުވި ނަމަވެސް ފުރަތަމަ ލެގުގައި ޖެހި ލަނޑުތަކުން އަވޭ ގޯލުން ފެހެންދޫ ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގު ފެހެންދޫ ކާމިޔާބުކުރީ ތިން ލަނޑު އެއް ލަނޑުންނެވެ. މިނިވަން ޗެންޕިއަންޝިޕް ބ.އަތޮޅުން ވާދަކުރީ ފެހެންދޫއާއި އޭދަފުށްޓެވެ. 

މުބާރާތުގައި އޭދަފުށިން ނިކުތީ 2016 ވަނަ އަހަރު މިނިވަން ޗެންޕިއަންޝިޕް އެޓީމަށް ކާމިޔާބު ކޮއްދިން މުހަންމަދު ޒާހިދު (ބައްޓޭ) އިރުޝާދުގެ ދަށުންނެވެ. ބ.އަތޮޅުގެ ޗެންޕިއަންކަން ހޯދުމާއެކު މިހާރު ފެހެންދޫވަނީ ޒޯން ބުރަށް ކޮލިފައިވެފައެވެ. ޒޯން ބުރުގައި ފެހެންދޫ ވާދަކުރާނީ ރ އަތޮޅުގެ އިތުރުން ޅ އަތޮޅުގެ ޗެންޕިއަނުންނާއެވެ. 

ޅ އަތޮޅު މުބާރާތުގެ ފައިނަލުގެ ފުރަތަމަ ލެގު މިއަދު ކުޅޭއިރު އިއްޔެ ވަނީ ރ އަތޮޅު މުބާރާތް ފަށާފައެވެ. މީދޫ އާއި އުނގޫފާރު ވާދަކުރި މެޗު ތިން ލަނޑު އެއް ލަނޑުން ކާމިޔާބުކުރީ މީދޫއެވެ. އިއްޔެ ހއ އަތޮޅު މުބާރާތުގެ ފައިނަލުގެ ފުރަތަމަ ލެގުގައި މުރައިދޫން ވަނީ ދިއްދޫގެ މައްޗަށް ތިން ލަނޑު އެއް ލަނޑުން ކުރި ހޯދާފައެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން ޓީމަކީ ދ.ކުޑަހުވަދޫއެވެ.