ވިޔަފާރި

އުރީދޫއިން ޕޯސްޓްޕެއިޑްގެ އާ ޕެކޭޖްތަކެއް ތަޢާރަފްކޮށްފި


އުރީދޫ މޯލްޑިވްސްއިން ޕޯސްޓްޕެއިޑްގެ އާ ޕެކޭޖްތަކެއް ތައާރަފްކޮށްފިއެވެ.

މިކަމަށްޓަކާ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި އުރީދޫގެ އާ ޕެކޭޖްތައް ތަޢާރަފްކޮށްދިނީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ސީނިއާ ކުޅުންތެރިންނެވެ.

އުރީދޫއިން ބުނީ އަލަށް ތަޢާރަފްކުރި މޯބައިލް ޕޯސްޓްޕެއިޑް ޕެކޭޖްތަކަކީ ކަސްޓަމަރުން އެންމެ ބޭނުންވާ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖްތަކެއްކަމަށެވެ. އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ، އެކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންގެ ބޭނުންތަކަށް އެންމެ ފުރިހަމަ ހައްލެއް ހޯދައިނިނުމަށްކަމަށެވެ. މިގޮތުން އަންލިމިޓެޑް ކޯލް އަދި ޑޭޓާ ހިމެނޭގޮތަށް، އެންމެ އެކަށޭނެ އަގުތަކެއްގައި ޕޯސްޓްޕެއިޑް ޕެކޭޖްތައް ތައާރަފްކުރުމަކީ އުރީދޫއަށް ލިބޭ އުފަލެއްކަމަށެވެ.

އުރީދޫއިން ވަނީ ޕޯސްޓްޕެއިޑްގެ 5 ޕެކޭޖެއް ތައާރަފްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ، މަހުފީގެ ގޮތުގައި 1000، 800، 600، 400 އަދި 200 ރުފިޔާ ނަގާ ޕެކޭޖްތަކެވެ. މި ޕެކޭޖްތަކުގެ ތެރެއިން 1000 އަދި 800 ރުފިޔާގެ ޕެކޭޖް ފަރުމާކޮށްފައިވަނީ ލޯކަލް ކޮންމެ ނެޓްވަރކަކަށްވެސް ހިލޭ ގުޅޭގޮތަށެވެ. އަދި ޕޯސްޓްޕެއިޑް 200 ރުފިޔާގެ ޕެކޭޖް ފިޔަވައި އެހެން ހުރިހާ ޕެކޭޖެއް ފަރުމާކޮށްފައިވަނީ ހިލޭ އެސްއެމްއެސް ކުރެވޭގޮތަށެވެ.

އުރީދޫން މި ޕެކޭޖްތައް ފަރުމާކޮށްފައިވަނީ، ޕެކޭޖްތަކަށް ކަނޑައެޅިފައިވާ ޑޭޓާ އެލަވަންސް ހަމަވިނަމަވެސް އިތުރަށް ޗާޖެއް ނުކުރާގޮތަށެވެ.