ޚަބަރު

ފަނޑިޔާރުންގެ ޤާނޫނަށް ހުށައެޅި އިސްލާޙު ބަލައިގަނެ ކޮމެޓީއަށް


ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ ފަނޑިޔާރުން މަޤާމުން ވަކިވާގޮތަށް، ފަނޑީޔާރުންގެ ޤާނޫނަށް ހުށައެޅި އިސްލާހް މަޖިލީހަށް ބަލައިގަނެ، މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ހުށައެޅުއްވި މި ބިލްގައި ވާގޮތުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވެއްޖެނަމަ، އިތުރު އެއްވެސް އިޖްރާއަތެއް ފުރިހަމަ ކުރުމަކާ ނުލައި، މަޤާމުން ވަކިވާނެއެވެ. މިބިލް މަޖިލީހަށް ބަލައިގެންފައިވަނީ 36 މެމްބަރުންގެ ވޯޓުންނެވެ.

މި ބިލް މަޖިލީހަށް ހުށައަޅުއްވަމުން ފޮނަދޫ ދާއިރާގެ މެމްބަރު ވިދާޅުވީ، މިބިލް ހުށައެޅުއްވީ ފަނޑިޔާރުންގެ ޤާނޫނުގައި، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުވެއްޖެނަމަ ޢަމަލުކުރާނެގޮތް ބަޔާންކޮށްފައި ނެތުމުންކަމަށެވެ. އަދި މިހާރު ދިމާވެފައިވާ ހާލަތުން މި އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށް ދެކޭތީކަމަށެވެ. މި ބިލަށް މެމްބަރުންވަނީ ތާއީދުކޮށް ވާހަކަދައްކާފައެވެ. އެގޮތުން ޝަރުޢީ ދާއިރާގައި ހުރި މައްސަލަތައް ޙައްލުކުރުމަށް، މި ބިލަކީ މުހިންމު ބިލެއްކަމަށް މެމްބަރުން ވިދާޅުވިއެވެ.

ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރެވިކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ހަމީދުގެ ހަައްޔަރުކޮށް ފުލުހުން ގެންދަނީ އެ މައްސަލަ ތަހުޤީގުކުރަމުންނެވެ.