ޚަބަރު

އެންޓި-ޑިފެކްޝަން ބިލު މަޖިލީހަށް ބަލައިގެންފި


މަޖިލިސް މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ހެދުމަށް ހުށައެޅި އެންޓި ޑިފެކްޝަން ބިލް މަޖިލީހަށް ބަލައިގެންފިއެވެ. ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ޙުސެއިން މަނިކު ހުށައެޅުއްވި މި ބިލު ބަލައިގަންފައިވަނީ 35 މެންބަރުންގެ ވޯޓާއިއެކުއެވެ. މ،ި ބިލަށް މިއަދު ވަނީ މަޖިލީހުގައި ބަހުސްކޮށްފައެވެ. މި ބިލް މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވަމުން ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ވިއްކުން ހުއްޓުމަކަށް ގެނުވާނެ ޤާނޫނަކަށް ވެގެންދާނެކަމަށެވެ. އަދި މި ބިލް ޤާނޫނަކަށް ވެގެންދިޔުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާމެދު ރައްޔިތުންގެ ހުރި ގިނަ ކަންބޮޑުވުންތަކަކަށް ފަރުވާ ލިބިގެންދާނެކަމަށްވެސް ނިހާން ވިދާޅުވިއެވެ. އަދި މަޖިލީހުގެ މެންބަރު ގޮނޑި ބަދަލުކުރުން ހުއްޓުވުމަށް ޤާނޫނެއް އެކުލަވާލުމަކީ ޕީޕީއެމްގެ ރިޔާސީ ވަޢުދެއްކަންވެސް ނިހާން ފާހަގަކުރެއްވިއެވެ.

މި ބިލްގެ ބަހުސް މަރުހަލާގައި ވާހަކަދެއްކެވި މެމްބަރުން ވަނީ މިބިލަށް ތާޢީދުކޮށްފައެވެ. އެގޮތުން ގޮނޑި ވިއްކުމުގެ މައްސަލައަށް ނިމުމެއް ގެނެސް، އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުމަށް އެދޭނަމަ މިފަދަ ޤާނޫނެއް ވުޖޫދުގައި އޮންނަންޖެހޭކަން މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ގޮނޑި ވިއްކުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން މިކަމުގެ ސަބަބުން ނިމުމަކަށް އަންނާނެކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.

ބައެއް މެމްބަރުން ވަނީ މިބިލަށް އިސްލާޙް ގެންނަންޖެހޭ ކަންކަން ހުރިކަން ފާހަގަކޮށްފައެވެ. އެގޮތުން ޤާނޫނުއަސާސީގެ ހުދޫދުގެ ތެރެއަށް ޤާނޫނު ފައްތަންޖެހޭކަމަށާއި، މެމްބަރުންގެ ކަންކަން ނިންމުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދޭތީ ބައެއް މެމްބަރުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބިލް ހުށައެޅުއްވި ނިހާން ވިދާޅުވީ ބިލާ މެދު ކަންބޮޑުވުންތަކެއް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ކޮމެޓީގެ މަރުހަލާގައި އެ މައްސަލަތަކަށް ހައްލުލިބިގެންދާނެކަމަށެވެ. އަދި މެންބަރުން ވަޑައިގެން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ނިހާން އެދިވަޑައިގަތެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެޑައިގެންފައިނުވެއެވެ.