ޚަބަރު

ޑައުން ސިންޑްރޯމަށް ހޭލުންތެރިކުރުމުގެ ކެންޕެއިން


މިއަހަރުގެ ވޯލްޑް ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ. މި ޙަރަކާތްތައް ކުރިޔަށް ގެންދަނީ ޑައުން ސިންޑްރޯމް ކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ މަދަނީ ޖަމްޢިއްޔާއެއްކަމަށްވާ ބިއުޓިފުލްއައިޒްއިންނެވެ. 

ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް މާރޗް މަހުގެ 21ވަނަ ދުވަހު ބިއުޓިފުލް އައިޒް- ޑައުން ސިންޑްރޯމް އެސޯސިއޭޝަނުން ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދެއެވެ. މިގޮތުން މިމަހުގެ 21ހުގައި "ބަޑީ ވޯކް"ގެ ނަމުގައި  ޚާއްޞަ ހިނގާލުމެއް ބާއްވަން އެޖަމްޢިއްޔާއިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެދުވަހުގެ ހަވީރު ހަތަރަކުން ހަޔަކަށް ކުރިޔަށްގެންދަން ހަމަޖެހިފައިވާ މިހިނގާލުން ފަށާނީ ހެންވޭރު ދަނޑު ކައަރިންނެވެ.   

"ބިއުޓިފުލް އައިޒް"ގެ  ފައުންޑަރ މެންބަރެއްކަމުގައިވާ އައިޝަތު ޝިފާ ބުނީ މިއަހަރު ބަޑީވޯކްގެ އިތުރުން ޕޮޓޯ ކޮންޓެސްޓެއް އަދި ޖަމްޢިއްޔާގެ ޙަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ޓީޝާޓުތަކެއް ވިއްކުމަށް ހަމަޖެހިފައިވާކަމަށެވެ. 

"މިފަހަރު ކުރީއަހަރުތަކެކޭ އެއްގޮތަށް އެންމެ ބޮޑު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ބާޢްވާނީބަޑީ ވޯކް. އެއީ ބަޑީ ވޯކްގެ ނަމުގައި އޮންނަ ހިނގާލުމެއް. މީގެއިތުރުންއަޅުގަނޑުމެން ހުޅުވާލާފަ އޮންނާނެ ފޮޓޯ ކޮންޓެސްޓެއް، އެއީ ޑައުން ސިންޑްރޯމްހުންނަ ކުއްޖަކާއެކު ފޮޓޯނަގާފަ ސޯޝަލް މީޑިއާގައި ފޯސްޓްކުރާ ކޮންޓެސްޓެއް.ތިންވަނަ ކަމަށް އަޅުގަނޑުމެން މިދުވަހާ ގުޅިގެން އަޅުގަނޑުމެން ފަންޑް ރައިޒްކުރުމަށް ޓީޝާޓު ވިއްކުމަށްވެސް ހަމަޖެހިފައިވަނީ. މިދުވަސް ފާހަގަކުރުމުގެމައިގަނޑު ދެ މަޤްސަދެއް މިއޮންނަނީ. އެއީ ހޭލުންތެރިކަން އިތުރުކުރުމާ ފަންޑްރައިޒްކުރުން." އައިޝަތު ޝިފާ ބުންޏެވެ.

ފޮޓޯ ކޮންޓެސްޓްގައި ވަކި ވަކި ފަރުދުންނަށާއި ކުންފުނިތަކަށްވެސް ބައިވެރިވެވޭނެކަމަށް ބިއުޓިފުލް އައިޒްއިން ބުނެއެވެ. މިގޮތުން ޑައުންސިންޑްރޯމް ހުންނަ ކުއްޖަކާއެކު ފޮޓޯ ނެގުމަށްފަހު، ހޭޝްޓެގް "މީ އެންޑްޑައުން ސިންޑްރޯމް" ޖެހުމަށްފަހު ސޯޝަލް މީޑިއާއަށް އަޕްލޯޑުކުރުމަށް އެޖަމްޢިއްޔާއިން އެދެއެވެ. 

އަދި ޖަމްޢިއްޔާގެ ޙަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ބިއުޓިފުލް އައިޒްއިން ޑިޒައިންކޮށްފައިވާ ޓީޝާޓްއޮފީހުން  މިހާރުވެސް ލިބޭނެކަމަށާ، އެކާވީސްވަނަ ދުވަހުވެސް މާލޭގެ އެ ޞަރަޙައްދުގައި މިޓީޝާޓް ވިއްކާނެކަމަށެވެ. 

ބިއުޓިފުލް އައިޒްއިން ބުނީ އެމީހުންގެ މަސައްކަތައް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފަންޑިންގެ ދަތިކަންކަމަށާ، މިކަމާހެދި އެޖަމްޢިއްޔާއިން ދެމުންއައި ބައެއް ޚިދުމަތްތައް ހުއްޓާލާފައިވާކަމަށެވެ. އަދި ތެރަޕީ ސެންޓަރުގެ ޚިދުމަތްތައް ހުއްޓާލިނަމަވެސް، ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ދެނެގަތުމަށް އެކި ދުވަސްވަރު ކަމުގެ ފަންނީ މާހިރުން ގެނެސްގެން ކޮންސަލްޓަންސީގެ ޚިދުމަތް ދޭކަމަށް ބިއުޓިފުލް އައިޒްއިން ބުނެއެވެ.  

ޑައުންސިންޑްރޯމް ހުންނަކުދިންނަށް ދިމާވާ ގޮންޖެހުންތަކަށް ބެހޭ ގޮތުން ވާހަކަދައްކަމުން ޝިފާ ބުނީ، ޑައުންސިންޑްރޯމް ހުންނަ ކުދިންނަށް ދޭންޖެހޭ ބައެއް ތެރަޕީތައް ރާއްޖެއިން ލެބެންނެތުމާއި، އެކުދިންނަށް ބޭނުންވާ އަސާސީ ބައެއް އެހެނިހެން ޚިދުމަތްތައް ލިބެންނެއްތުމަކީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި އެޖަމްޢިއްޔާއިން ދެކޭކަމަށެވެ. ނަމަވެސް ނަމަވެސް މީގެކުރިޔާ އަޅާ ބަލާއިރު ޑައުންސިންޑްރޯމް ކުދިންނާމެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަން ބިއުޓިފުލް އައިޒްއިން ފާހަގަކުރެއެވެ.