ކުޅިވަރު

2006 ގެ ފަހުން ޔޫރަޕްގައި ބާއްވާ ފުރަތަމަ ވަރލްޑްކަޕަށް ތައްޔާރު!


ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތަކީ ވޯލްޑް ކަޕެވެ. ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ މުބާރާތް ބްރެޒިލާ ވަކިވެ، އަލުން ބައްދަލުކުރާނީ މި އަހަރު ޖޫން މަހު ރަޝިޔާއިންނެވެ. މިއީ 2006 ވަނަ އަހަރުގެ ފަހުން ޔޫރަޕުގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ.

ކުރީގެ މަޝްހޫރު ސޯވިއެޓް ޔޫނިއަން ނުވަތަ މިހާރުގެ ރަޝިޔާގައި މުބާރާތް ބާއްވަން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން ނިންމީ 2 ޑިސެމްބަރު 2010 ގައެވެ. މުބާރާތް ބާއްވަން ރަޝިޔާއާ އެންމެ ބޮޑަށް ވާދަކުރީ އިނގިރޭސިވިލާތުންނެވެ. މަޝްހޫރު ޑޭވިޑް ބެކަމް އާއި ޕްރިންސް ވިލިއަމް ލީޑްކުރި އިނގިރޭސިންގެ ބިޑް ނާކާމިޔާބުވީ ކޮރަޕްޝަނުގެ ތެރެއިން ކަމަށް ބުނެ، އިނގިރޭސިން ވަރަށް ބޮޑަށް މައްސަލަ ހޫނުކުރިއެވެ. ނަމަވެސް ފީފާގެ އޭރުގެ ރައީސް ސެޕް ބެލްޓާ އާއި އޭނާގެ ޓީމުން ނިންމީ އިނގިރޭސިންނަށްވުރެ ހުރިހާ ގޮތަކުން ވެސް ރަޝިޔާގެ ހުށަހެޅުންތައް ރަނގަޅު ކަމަށެވެ. ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕް ފަށާއިރު ބްލެޓާ ހުންނެވީ ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. ފީފާގެ ރައީސް ކަމުން އޭނާ އިސްތިއުފާދެއްވި ފަހުން ސަސްޕެންޑްކުރީ ވެސް ވޯލްޑް ކަޕުގެ މައްސަލަ ތަހުގީގުކުރުމަށްފަހުއެވެ. ނަމަވެސް ބްލެޓާ އަކީ ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންގެ ވަރަށް އަރިސް ބޭފުޅަކަށްވުމުން ވޯލްޑްކަޕް ހުޅުވާ ރަސްމިއްޔާތުގައި ރަޝިޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އޭނާ ބައިވެރިކުރާނެއެވެ.

ވޯލްޑް ކަޕުގައި މިފަހަރު ވެސް ވާދަކުރާނީ 32 ގައުމެވެ. ފަހަރުގައި މިއީ 32 ގައުމު މުބާރާތުގައި ވާދަކުރާ ފަހު ފަހަރަށްވުން ގާތެވެ. ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އިންތިހާބީ ވައުދަކީ މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ އަދަދު 40 އަށް އިތުރުކުރުމެވެ.

ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތައް ބަހާލާފައިވަނީ 8 ގްރޫޕަކަށެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭއިރު ލީގު އުސޫލުން އެއް ބުރު ކުޅުމަށްފަހު ދެ ވަނަ ބުރަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ މޮޅު ދެ ޓީމެވެ. ދެ ވަނަ ބުރަކީ ނޮކްއައުޓް ބުރެވެ. ބަލިވާ ޓީމެއް މުބާރާތުން ކަޓާނީ މިހިސާބުންނެވެ. ދެ ވަނަ ބުރަށް ހޮވޭ 16 ޓީމުގެ ތެރެއިން ކުއާޓާ ފައިނަލަށް ދާނީ އަށް ޓީމެވެ. ސެމީ ފައިނަލަށް ހަތަރު ޓީމު ހޮވި ފައިނަލަށް ދާނީ ސެމީގެ ދެ މެޗުން މޮޅުވާ ދެ ޓީމެވެ.

މި ފަހަރުގެ ވޯލްޑް ކަޕުން ނުފެންނާނެ ކުރީގެ ޗެމްޕިއަން ޓީމަކީ ހަތަރު ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިޓަލީއެވެ. އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ޖަރުމަނު ވިލާތެވެ. އެޓީމު މި ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފިނަމަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލްގެ ރެކޯޑާ ހަމަހަމަކުރެވޭނެއެވެ. ބްރެޒިލް މުބާރާތް ކާމިޔާބުކުރީ ފަސް ފަހަރުއެވެ.

މުބާރާތުގެ އިނާމް ފައިސާގެ ގޮތުގައި ދިނުމަށް ނިންމާފައިވަނީ 791 މިލިއަން ޑޮލަރެވެ. މިއީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ އިނާމް ފައިސާ އަށްވުރެ 40 ޕަސެންޓް އިތުރު އަދަދެކެވެ.

ވޯލްޑް ކަޕުގެ ޗެމްޕިއަން ޓީމަކަށް ދިނުމަށް ފީފާއިން ނިންމާފައިވަނީ 38 މިލިއަން ޑޮލަރެވެ. ދެ ވަނަ ޓީމަށް 28 މިލިއަން ޑޮލަރެވެ. ތިން ވަނަ ޓީމަށް 24 މިލިއަން ޑޮލަރު އަދި ހަތަރު ވަނަ ޓީމަކަށް ދޭނީ 22 މިލިއަން ޑޮލަރެވެ. ކުއާޓާ ފައިނަލުގައި ކުޅޭ ކޮންމެ ޓީމަކަށް 16 މިލިއަން ޑޮލަރު ދޭން ނިންމާފައިވާއިރު، މުބާރާތުގެ ގަދަ 16 އިން ކަޓާ ކޮންމެ ޓީމަކަށް ވެސް 12 މިލިއަން ޑޮލަރު އަދި ގްރޫޕް ސްޓޭޖުން ކަޓާ ކޮންމެ ޓީމަކަށް ވެސް އަށް މިލިއަން ޑޮލަރު ދޭން ވަނީ ނިންމާފައެވެ. 

މީގެ އިތުރުން މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ހަރަދުތައް ހަމަޖެއްސުމަށް މުބާރާތް ފެށުމުގެ ކުރިން ކޮންމެ ގައުމަކަށް 1.5 މިލިއަން ޑޮލަރު ދޭގޮތަށް ވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ކުޅުންތެރިންގެ އިންޝުއަރެންސަށް 134 މިލިއަން ޑޮލަރު އަދި ކުޅުންތެރިން ނިސްބަތްވާ ކުލަބުތަކަށް 209 މިލިއަން ޑޮލަރުވަނީ ހަމަޖައްސާފަ އެވެ.