ވިޔަފާރި

އޭބީއޭގެ އަހަރީ ބައްދަލުވުން ރާއްޖޭގައި ބާއްވަނީ


އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ)ގެ އަހަރީ ބައްދަލުވުމަކީ ރާއްޖޭގެ ބޭންކިންގ ދާއިރާއާއި، ރާއްޖެއިން ލިބެންހުރި ފުރުޞަތުތައް ދައްކާލަން ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށް ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެއެވެ.

އޭބީއޭގެ ވަފުދުން ބީއެމްއެލްގެ އިސްފަރާތްތަކާއެކު ބޭއްވި ބައްދަލުވުމަށްފަހު ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، އެޖަމްޢިއްޔާގެ އަހަރީ ބައްދަލުވުމާއި ކޮންފަރަންސް ބާއްވާ ޤައުމަކަށް ދިވެހިރާއްޖެ ހަމަޖެހިގެން ދިއުމަކީ ފާހަގަކޮށްލެވޭ ކަމެއްކަމަށާއި، މި ކޮންފަރަންސް ޢަމާޒުކޮށްފައިވަނީ އޭޝިއާގެ ބޭންކިންގ ދާއިރާގެ ކުރިމަގުގެ ތަޞައްވުރަށްކަމަށެވެ.

މި ކޮންފަރަންސް މެދުވެރިކޮށް ރާއްޖޭގެ ބޭންކިންގ  ދާއިރާގެ އިތުރުން، ޖުމްލަކޮށް ދިވެހިރާއްޖެއިން ލިބެންހުރި ފުރުޞަތުތައް ދައްކުވައިދިނުމަށް ފުރުޞަތުތަކެއް ލިބިގެންދާނެކަމަށާއި، ލިބޭ ފުރުޞަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ބީއެމްއެލުން ހިފާނެކަމަށް އެންޑްރޫ ވިދާޅުވިއެވެ.

އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ)ގެ ވަފުދެއް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖޭގެ ބޭންކްތަކުގެ އިސްފަރާތްތަކާއިއެކު ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ.

އޭބީއޭގެ ވަފުދު ރާއްޖެއަށް މިކުރި ޒިޔާރަތަކީ، މިއަހަރުގެ ނޮވެމްބަރުމަހު ކުރުނބާ ރިސޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޖަމްޢިއްޔާގެ އަހަރީ ބައްދަލުވުމާއި ބެހޭގޮތުން ބައެއް ކަންކަން ނިންމުމަށްކުރި ޒިޔާރަތެއްކަމަށް އޭބީއޭއިން ބުނެއެވެ.

އޭޝިއަން ބޭންކަރސް އެސޯސިއޭޝަނުގެ އިސް ވަފުދުން ރާއްޖެއަށް ކުރި ޒިޔާރަތުގައި މަރުކަޒީ ބޭންކުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ އިސްވެރިންނާއިއެކު ބައްދަލުވުންތައް ވަނީ ބާއްވާފައެވެ.

އޭބީއޭގެ ވަފުދުގެ ފަރާތުން ވާހަކަދައްކަވަމުން އެޖަމިއްޔާގެ ޗެއަރމަން ޑެނިއަލް ވޫ ވިދާޅުވީ، އޭބީއޭގެ ވަފުދު ރާއްޖެއަށް ކުރި ދަތުުރުގައި ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރާއި ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބުނުކަމަށާއި، މި ޒިޔާރަތުގައި ބީއެމްއެލްގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ދިންކަމަށެވެ.

އޭޝިއަން ބޭންކަރސް އެސޯސިއޭޝަނުގެ 35 ވަނަ އަހަރީ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރުނބާ ރިސޯޓްގައި މިއަހަރުގެ ނޮވެމްބަރުމަހުގެ 15 އިން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ބައްދަލުވުމުގައި އޭޝިއާ ބައްރުގެ 25 ޤައުމެއްގެ މެމްބަރު 85 މާލީ އިދާރާއަކުން 200 ވުރެ ގިނަ މަސްއޫލުވެރިން ބައިވެރިވާނެއެވެ.

މިފަހަރުގެ ބައްދަލުވުން އިންތިޒާމުކުރަނީ ބޭންކް އޮފް މޯލްޑިވްސްއިންނެވެ. މިފަހަރުގެ ޝިޢާރަކީ " ބޭންކިންގ އިން އޭޝިއާ : ދަ ނެކްސްޓް ފްރޮންޓިއަރ" އެވެ.