ޚަބަރު

ނަޝީދު ވަނީ ސަރުކާރާއިއެކު ސިއްރު މަޝްވަރާތަކެއް ކޮށްފައި


ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމާއި ގުޅޭގޮތުން ކުރީގެ ރައީސް ނަޝީދު ސަރުކާރާއިއެކު ސިއްރު މަޝްވަރާތަކެއް ކުރިކަމަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެޑައިގަންނަވާ އިސް މަންދޫބް ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލވުމެއް ވާހަކަފުޅު ދައްކަވަމުން ޑރ ޝައިނީ ވިދާޅުވީ މަޝްވަރާތައް ފެށުމަށް ނަޝީދާއި އެކު ވާހަކަދެއްކެވީ ފުންނާބު އުސްބޭފުޅެއް މެދުވެރިކުރައްވާކަމަށެވެ. 

ހުރިހާ ޕާޓީތައް އެއްމޭޒެއްގެ ދޮށަށް އައިސް މަޝްވަރާކުރުމަށް ސަރުކާރުން ގޮވާލިނަމަވެސް އިދިކޮޅު ފަރާތަކަުގެ އިހްލާސްތެރިކަން ނެތުމުން އެކަން މިހާތަނަށްވެސް ކާމިޔާބުވެފައިނުވާކަމަށް ސަރުކާތުން ބުނެއެވެ. މިހާތަނަށް މަޝްވަރާތަކުގައި ބައިވެރިވުމަށް ސަރުކާރުންވަނީ ބާރަ ފަހަރެއްގެ މަތިން އިދިކޮޅު ފަރާތަކަށް ދައުވަތު  ފޮނުވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެޑައިގަންނަވާ އިސް މަންދޫބް ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، 2015 ވަނަ އަހަރު  ޕާޓީތަކުގެ މެދުގައި މަޝްވަރާކުރުމަށް ސަރުކާރުން ދައުވަތު ދިންފަހުން މި މަޝްވަރާތައް ބޭއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި މަޝްވަރާތައް އދ މެދުވެރިވެގެން ކުރިޔަށް ގެންދަންވެސް މަސައްކަތްކުރިކަމަށާއި އެހެންނަމަވެސް އެ މަސައްކަތްވެސް ކާމިޔާބުނުވީ އިދިކޮޅު ފަރާތްތަކުން ތަފާތު ގިނަ ޝަރުތުތަކެއް ކުރިމަތިކުރުވުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ، މަޝްވަރާތައް ފެށުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ސަރުކާރާއިއެކު ސިއްރު މަޝްވަރާތަކެއް ކުރިޔަށް ގެންދިޔަކަމަށެވެ. އެގޮތުން ފުންނާބު އުސް ތިންވަނަ ފަރާތެއް މެދުވެރިކޮށް ސަރުކާރާއި ވާހަކަދެއްކިކަމަށާއި، އެކަމުގައި އިސްވެ ސަރުކާރާއި ވާހަކަދައްކަވަމުން ގެންދެވީ ކުރީގެ ރައީސް ނަޝީދުކަމަށެވެ.

ވާހަކަތައް ކުރިއަށްގެންދަނީ އިދިކޮޅު އެހެން ފަރާތްތަކުގެ ރުހުމާއެކުކަމަށް ނަޝީދު ޔަގީންކަން ދެއްވިކަމަށާއި  އެކަމުގައި ދެފަރާތުގެ ދެމެދުގައި ލިޔެކިޔުންތައް ބަދަލުކުރެވުނުކަމަށްވެސް ޝައިނީ  ވިދާޅުވިއެވެ. އޭގެތެރޭގައި ހުރި ބައެއް ޝަރުތުތައް ވާހަކަ ދައްކައިގެން ބަދަލުކޮށް އެޖެންޑާއަކާ ހަމައަށް އާދެވުނުކަމަށްވެސް ޑރ ޝައިނީ ވިދާޅުވިއެވެ.  

މި މަޝްވަރާތަކުގެ ވާހަކަތައް މީޑިއާއަށް ތިލަނުކުރީީ ސިއްރުގޮތުގައި މިކަން ކުރިއަށް ގެންދިއުމަށް ދެ ފަރާތުން އެއްބަސްވެފައިވާތީކަމަށާއި އެހެންނަމަވެސް މި އެއްބަސްވުމާއި އެމްޑީޕީން ހިލާފުވެފައިވާކަމަށެވެ. އަދި އެހިސާބުން އެ އެއްބަސްވުން ބާޠިލްވެފައިވާކަމަށާއި ނަޝީސު ސަރުކާރާއި އެކު ސިއްރުން ބޭއްވި މަޝްވަރާތަކުގެ ތަފްސީލުތައް އދ.އާއި ބައިނަލްއަޤްވާމީ ފަރާތްތަކަށްވެސް ހިއްސާކުރަމުން ގެންދިޔަކަމަށްވެސް ޝައިނީ ވިދާޅުވިއެވެ.

"ދެ ފަރާތްތުންކުރެ އެއްވެސް ފަރާތަކުން އެއްބަސްވުމަކާއި ހަމައަށް އާދެވެންދެން ސިއްރު ހާމަނުކުރާނެކަމަށް ވިދާޅުވެފައިވާތީ ސަރުކާރުން ސިއްރު ހިފަހައްޓަފައިވާނެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ޓީވީއަށް އަރާ، ވާހަކަ ދައްކަމުންދިޔަ ބައެއް ކަންކަން ޕްރީ ކޮންޑިޝަންގެ ގޮތުގައި ހުށައަޅާ މިކަން ފުރިހަމަވުމުން ނޫނީ ވާހަކަދެއްކުން ކުރިއަށް ނުގެންދާނެކަމަށް. އެހާހިސާބުން އެ އެގްރިމެންޓް ބްރިޖްވީ." ޑރ. މުޙައްމަދު ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ، ނަޝީދު އިސްވެ ހުންނަވައިގެން ކުރިޔަށް ގެންދިޔަ މަޝްވަރާތަކުގެ ލިޔެކިޔުންތައް އެބަހުރިކަމަށާއި އެތަކެތި ހާމަކުރަންޖެހޭ ހިސާބަށް ދިޔުމުން އެކަން ކުރާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މަޝްވަރާތަކަށް އައުމަށް އިދިކޮޅުން އެޖެންޑާގެ އެންމެ ފުރަތަަމަ ކަމެއްގެ ގޮތުގައި ހިމަނާފައިވަނީ ހައްޔަރުކޮށްފައިވާ ފަނޑިޔާރުން ދޫކޮށްލުމުގެ ވާހަކަ ކަމަށެވެ. އަދި މި ސަރުކާރަކީ ކޯޓްތަކަށް ބާރުފޯރުވާ ސަރުކާރަކަށްނުވާތީ ސަރުކާރާއި ގުޅުން ނެތް އެއްވެސްކަމަކާއި ސަރުކާރުން އެއްބަސްނުވާނެކަމަށްވެސް ޑރ ޝައިނީ ވިދާޅުވިއެވެ. ނަމަވެސް މޭޒުކައިރިއަށް އައިސް އެކަމާ މަޝްވަރާކުރެވިދާނެކަމަށްވެސް ޝައިނީ ވިދާޅުވިއެވެ." ޖަޖުން ބޭލް އަޓުކޮށްގެންނަމަވެސް ދޫކޮށްލުމުގެ ވާހަކަ ހިމަނާފައި އޮތީ. އެކަމާ ގުޅޭގޮތުން މަޝްވަރާކުރަމުން ދަނިކޮށް ސަރުކާރަށް އެއިރުގައި ފެނުނީ އެއްވެސް ޝަރުތަކާނުލާ ވާހަކަތަކަށް އައުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ ސީދާ ގުޅުމެއް ނެތްކަމެއްގައި. ސަރުކާރުން ކޯޓުތަކަށް ބާރު ނުފޯރުވާ ބަޔަކަށްވަތީވެ ސަރުކާރަށް އިސްވެ އެއްބަހެއް ނުވެވޭނޭ އެއްވެސް ގޮތަކަށް އެއްވެސް މީހަކު ދޫކޮށްލާކަށެއް. ނަމަވެސް އެ ވާހަކަ ދެކެވިދާނެ. އެއީ ސިޔާސީ ހުރިހާ ބޭފުޅުންގެ ބައިވެރިވުމާއެކު ކުރިއަށްދާ ވާހަކަތަކަށްވާތީވެ އެކަމަކީ އަޅުގަނޑުމެން ހިފަހައްޓާނެކަމެއް ނޫނޭ. އެކަމު އެ ހުރިހާ ވާހަކަތައް ދައްކާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ ތެރެއިންކަމަށް ވާތީވެ އެކަމަކަށް ސަރުކާރަކުން ހުރަހެއްނާޅާ. ސަރުކާރުން ކޯޓުތަކުގެ ތެރެއަށް އަތް ބާނައިގެން އެއްވެސްކަމެއް ކުރާކަމަށް ނޫޅެން. ނަމަވެސް ކަންކަން އަވަސްކުރުރުމަށް ކޯޓުތަކުގައި އެދިފައިވާނެ. އެގޮތުން އެންމެ ފަހުން އެދިފައިވާނީ ޕާޓީ މަޝްވަރާގެ ތެރެއިން އިދިކޮޅު ފަރާތްތަކުން އެދިގެން ރައީސް ނަޝީދާ ޝެއިޚް އިމްރާންގެ ޝަރީޢަތް އަވަސްކޮށްދިނުމަށް އެބޭފުުންގެ އެދުމުގެ އެދުމަށް ރައީސް ފޮނުވި ސިޓީފުޅެއް." ޑރ. މުޙައްމަދު ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ބައިނަލްއަޤްވާމީ ފަރާތްތައް ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރި މަޝްވަރާތައްވެސް ފެއިލްވީ އިދިކޮޅު ފަރާތަކުން މަޝްވަރާތައް ފެށުމަށް ޝަރުތުތައް ހުށައަޅަމުންދާތީކަމަށެވެ. ބައިނަލްއަޤްވަމީ ފަރާތްތަކުން މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ގޮވާލާފައިވަނީ ދެފަރާތުންވެސް ޝަރުތުތައް ނައްތާލުމަށްފަހުކަމަށާއި ޝަރުތުތަކަކާ ނުލާ މަޝްވަރާކުރުމަށް ސަރުކާރުން އަދިވެސް އޮތީ ތައްޔާރަށްކަމަށްވެސް ޑރ ޝައިނީ ވިދާޅުވިއެވެ.