ދުނިޔެ

ކެޑްބަރީގެ ބައެއް އުފެއްދުންތަކުން އޫރު މަހުގެ ޑީ.އެން.އޭ ފެނިއްޖެ


 





މަޝްހޫރު ޗޮކްލެޓް ބްރޭންޑެއްކަމަށްވާ ކެޑްބަރީގެ ބައެއް އުފެއްދުންތަކުން އޫރު މަހުގެ ޑީ.އެން.އޭ ފެނިއްޖެއެވެ. އެގޮތުން ކުރި ތަޙުލީލުތަކަށް ފަހު މެލޭޝިއާއިންވަނީ އޫރުމަހުގެ އަސަރު އެކުލެވިގެންވާ ކެޑްބަރީ ބްރޭންޑްގެ ދެ އުފެއްދުމެއް އަނބުރާ ކަމާ ބެހޭ ފަރާތްތަކާ ޙަވާލުކުރުމަށް ގޮވާލާފައެވެ.


 
މި ތަޙުލީލުތަކަކީ ކާބޯތަކެތީގެ ޙަލާލު މިންވަރު ބެލުމަށް މެލޭޝިއާގެ ސިއްޙަތާ ބެހޭ ވުޒާރާއިން ޤަވައިދުން ކުރިޔަށް ގެންދާ ތަޙުލީލުތަކެކެވެ. އޫރުމަހުގެ ޑީ.އެން.އޭ އަސަރު ފެނުނު ދެ ބާވަތުގެ ކެޑްބަރީ ޗޮކްލެޓަކީ – ކެޑްބަރީ ޑެއިރީ މިލްކް ހޭޒަލް ނަޓް އަދި ކެޑްބަރީ ޑެއިރީ މިލްކް ރޯސްޓް އާލްމަންޑެވެ. މި ތަޙުލީލުގައި ބޭނުންކުރި ސާމްޕަލްތަކަކީ މިހާރުވެސް ފިހާރަތަކުން ލިބެން ހުރި ތަކެތިން ނެގި ސާމްޕަލްތަކެއް ކަމަށް މަޢުލޫމާތު ލިބެއެވެ.


 
 


ކެޑްބަރީ ޗޮކްލެޓުގައި އޫރުމަހުގެ އަސަރު ހުރި މައްސަލަ މެލޭޝީއާގައި ފެންމަތިވެފައިވާއިރު، އެޤައުމުގެ އާބާދީގެ ފަސްދޮޅަސް އިންސައްތަ މީހުންނަކީ މުސްލިމުންނެވެ. ކެޑްބަރީ ކުންފުނިން ބުނީ، ޙަލާލު ފެންވަރާ އެއްގޮތަށް އުފެއްދުންތައް ހުރިތޯ ބެލުމުގެ ފުރިހަމަ މުރާޖަޢާއެއް ކުރިޔަށްދާކަމަށެވެ. ކެޑްބަރީ މެލޭޝިއާގެ ބަހެއް މިކަމުގައި ލިބިފައި ނުވާކަމަށް ބައިނަލްއަޤްވާމީ ޚަބަރުތައް ބުނެއެވެ.