ޚަބަރު

ސިއްހީ ދާއިރާއަށް ގެނެސްދީފައިވާ ކުރިއެރުމަކީ އިންގިލާބީ ބަދަލެއް


ރައީސް ޢަބުދުﷲ ޔާމީނު ވެރިކަމަށް ވަޑައިގަތުމަށްފަހު މިވީ 4 އަހަރުދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ގެނެސްދީފައިވާ ކުރިއެރުމަކީ ރާއްޖޭގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭފަދަ ކުރިއެރުމެއްކަމަށް ހެލްތް މިނިސްޓަރު ވިދާޅުވެއްޖެއެވެ. ހެލްތް މިނިސްޓަރު ޢަބުދުﷲ ނާޒިމް މިހެން ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ މީޑިއާތަކަށް މައުލޫމާތުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ދިވެހިރާއްޖޭގެ ސިއްހީ ހާލަތު މިއަދު އޮތްގޮތާއި ބެހޭގޮތުން ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު ޢަބުދުﷲ ނާޒިމް ވިދާޅުވީ، ރައީސް ޢަބުދުﷲ ޔާމީނު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ސިއްހީދާއިރާގެ ކުރިއެރުމަށް ހާއްސަ އިސްކަމެއް ދެއްވި ކަމަށާއި، މިގޮތުން ކުރެވުނު އެންމެ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ހުސްނުވާ އާސަންދައިގެ ދަށުން ސަރުކާރުގެ ޚަރަދުގައި ދިވެހި ކޮންމެ ރައްޔިތަކަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދިޔަކަމަށެވެ.

ޖިއޮގްރަފީ ގޮތުން ވަކިވަކި ރަށްތަކެއްގެ ގޮތުގައި ދިވެހިރާއްޖެ އެކުލެވިފައި އޮތުމަކީ މިދާއިރާ ކުރިއެރުވުމަށް އޮތް ގޮންޖެހުމެއް ނަމަވެސް، އެ ގޮންޖެހުންތަކާއި އެކުވެސް މީހުން ދިރިއުޅޭ ރަށްރަށުގައި އެކަށޭނެ ސިއްހީ ޚިދުމަތެއް ދިނުމަށް ސަރުކާރުން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާކަން މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ. މިގޮތުން މުޅި ރާއްޖެއަށް ސީ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފްކުރުމާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސަރުކާރުގެ ފާމަސީތައް ޤާއިމްކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އައިޖީއެމް ހޮސްޕިޓަލްގެ ޚިދުމަތް ތަރައްޤީކުރުމަށް ވޭތުވެދިހަ 4 އަހަރު ދުވަހު ކުރި މަސައްކަތުން މީގެކުރިން އަވައްޓެރި ޤައުމުތަކަށް ދަތުރުކޮށްގެން ފަރުވާ ހޯދަމުން އައި ބައެއް ބަލިތަކަށް މިހާރު އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ލިބެންހުރިކަން މިނިސްޓަރ ނާޒިމް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްޤީކުރެއްވުމަށް މިހާރު ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަސައްކަތަކީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުކަމަށްވެސް މިނިސްޓާރ ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތް ބޭރުގެ ނޫސްވެރިންނަށް ދައްކާލާފައެވެ. އަދި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަކުން ދެމުން އަންނަ ބައެއް ޚިދުމަތްތަކާއި ބެހޭ މައުލޫމާތުވެސް އެފަރާތްތަކަށް ވަނީ ދީފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު ޝިހާމް ވިދާޅުވީ، ތައުލީމީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ރައީސް ޔާމީނުގެ ސަރުކާރުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. މިގޮތުން ޖީސީ އޯލެވެލް އިމްތިހާނުން 5 މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް %77 އިތުރު ކުރެވުމަކީ ލިބިގެންދިޔަ ކާމިޔާބެކެވެ. އަދި މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންގެ ނިސްބަތް މިއަދު %32 އިތުރުވުމަކީވެސް މިއަދު ފާހަގަކޮށްލަންޖެހޭ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސާނަވީ އިމްތިހާނު ނިންމައި މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންގެ ނިސްބަތް 2022 ވަނަ އަހަރު އަންނަންވާއިރަށް %60 އިތުރުކުރުން ކަމަށެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ދަރިވަރުންނަށް ތައުލީމީ ފުރުސަތުތައް ހޯދައިދިނުމާއި، މަތީ ތައުލީމް ހާސިލްކުރުމަށްޓަކައި މާލީ ގޮތުން އެހީތެރިކަން ދިނުމަށް ކުރެވެމުންދާ މަސައްކަތްތައް މިއަދު އެތައް ގުނައެއް އިތުރުވެފައިވާކަން މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރޭގައި ރާއްޖޭގެ އިތުރުން ޤައުމުން ބޭރުން ހޯދައިދީފައިވާ ތައުލީމީ ފުރުސަތުތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ވެރިކަމަށް ވަޑައިގަތުމަށްފަހު ދިވެހިރާއްޖޭގެ ސިއްހީ އަދި ތައުލީމީ ދައިރާ ކުރިއަރުވައި ތަރައްޤީކުރުމަށް ގެންދަވަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ސިއްހީ އަދި ތައުލީމީ ދާއިރާ ކުރިއެރުވުމަށް ގެންނަވާފައިވަނީ އިންގިލާބީ ބަދަލެއްކަމަށް ސަރުކާރުން ބުނެއެވެ.