ކުޅިވަރު

ޓީސީ ބަލިކޮށް، ވިކްޓްރީ ހިތްހަމަޖެހުން ހޯދައިފި


ވަރުގަދަ ޓީސީ ބަލިކޮށް، ވިކްޓަރީން ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. 

ސީޒަންގައި ވިކްޓަރީ ފުރަތަމަ މޮޅު ހޯދީ ރޭ  އެސްޓީއޯ މާލޭ ލީގުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗު ދެ ލަނޑު އެއް ލަނޑުން ޓީސީ ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރަތަމަ 50 ސިކުންތުގެ ތެރޭގެ ކާމިޔާބުކޮށްދިނީ އޭންޖެލް މުނޯޒްއެވެ. އޭނާ ލަނޑު ޖެހީ ޓީސީ ޕެނެލްޓީ އޭރިޔާގެ ބޭރުންނެވެ. ފުރަތަމަ މިނިޓްގައި ޖެހި ލަނޑާއެކު ވިކްޓްރީ ވަރަށް ރަނގަޅަށް ކުޅުމެންދިޔައެވެ. ޚާއްޞަކޮށް ލަނޑަށް ފަހު ވިކްޓަރީގެ ކުރިޔަށް ކުޅޭ ބިދޭސީ ތިން ކުޅުންތެރިންގެ ނުރައްކާ ޓީސީއަށް ބޮޑުވެގެންދިޔައެވެ. ވިކްޓަރީގެ ދެވަނަ ލަނޑު ފުރަތަމަ ހާފްގެ 19 ވަނަ މިނިޓްގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިސީޒަންގައި ފުރަތަމަ ފަހަރަށް ވިކްޓްރީގެ ޖަރޒީގައި ކުޅުނު ޕެޑްރޯއެވެ. 

ދެޓީމުގެ ފަރާތުންވެސް އަވަސް ހަލުވި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ދެވަނަހާފް ފެށިގެން ޓީސީން ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔައެވެ. ހާއްސަ ޓީސީގެ އިޝާން އިބްރާހީމް ކުޅެން ނުކުތުމާއެކު ޓީސީގެ އެޓޭކްތަކައް ވަރުގަދަވިއެވެ. ޓީސީގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލައިބީރިޔާގެ ފޯވާޑް ވިލިއަމްއެވެ. މެޗުގެ ފަހުހާފްގެ ފަހުވަގުތުގައި ޓީސީގެ ޑިފެންޑަރ އަލާ އަތުން ބޯޅަ އަތުލަން އުޅުމުގެ ތެރޭގައި ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ވިކްޓްރީ ޕެޑްރޯ ދަނޑުން ފޮނުވާލިއެވެ.

 މެޗުގެ ފަހުވަގުތުގައި ވެސް ވިކްޓަރީގެ ގޯލަށް ގިނަ ހަމާލަތަކެއް ޓީސީން ފޮނުވާލި ނަމަވެސް ޓީސީއަށް ވަނީ އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. މެޗަށްފަހު މޮޅުވުމުން ހިތްހަމަޖެހިފަ ހުރި ވިކްޓްރީގެ ކޯޗު ލާސްލޯ ކިސް ބުނީ އޭނާގެ ޓީމް މެޗުގައި ދެއްކީ މޮޅު ކުޅުމެއް ކަމަށާއި، ކުޅުންތެރިން ދެއްކިކުޅުމަށް ޝުކުރު ހައްޤުކަމަށެވެ. ހާއްސަކޮށް ފުރަތަމަހާފްގައި މޮޅަށް ކުޅުނީ ވިކްޓްރީކަމަށް ކިސް ބުންޏެވެ.

" އަހަރެން ވަރަށް އުފާވޭ މިރޭ މޮޅުވުމުން. ފުރަތަމަ ހާފްގައި މޮޅަށް ކުޅުނީ އަހަރަމެން." މެޗަށްފަހު ކިސް ބުންޏެވެ.

މެޗަށްފަހު ޓީސީގެ ކޯޗު މުހަންމަދު ނިޒާމް ބުނީ އޭނާގެ ޓީމު ބަލިވީ ކުޅުންތެރިން މާބޮޑަށް މެޗު ފަސޭހަކޮށްލުމުންކަމަށެވެ. ހާއްސަކޮށް ޓީމުގައި ތިބި ޒުވާން ކުޅުންތެރިން ވަރަށް ބޮޑަށް މެޗު ފަސޭހަކޮށްލިކަމަށް ނިޒާމް ބުންޏެވެ.

" ދެ މެޗުގައި ފެނިގެންމިދިޔައީ ހަމަ އެއްކަމެއް. ވަރަށް ދަށްކޮށް މިދިޔައީ ޓީމްގެ ކުޅުން. މާބޮޑަށް ފަސޭހަކޮއްލީއޭ ބުނެވޭނީ. ހާއްސަކޮށް ޓީމުގައި ތިބި ޒުވާން ކުޅުންތެރިން." ނިޒާމް ބުންޏެވެ.

މި މޮޅާއެކު ވިކްޓްރީ އޮތީ 3 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނާގައެވެ. ޓީސީ އަށް ތިން މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.