ކުޅިވަރު

ޕީއެސްއެމް ވަރލްޑްކަޕް ކަވަރޭޖް ލޯންޗްކޮށްފި


2018 ވަނަ އަހަރުގެ ފީފާ ވަރލްޑްކަޕް ޤައުމީ ޓީވީން ދައްކާނެކަން ކަށަވަރުކޮށް، ވަރލްޑްކަޕް ކަވަރޭޖް ޝޯވ " ރަންތަށި " ލޯންޗްކޮށްފިއެވެ. 

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިރޭ ބޭއްވި ހަފްލާއެއްގައި ވަރލްޑްކަޕް 2018 ރަންތަށި ޝޯވ ލޯންޗްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.

މިއަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ރަޝިޔާގައި ފަށާ ވަރލްޑްކަޕްގެ ޕީއެސްއެމްގެ ކަވަރޭޖް ލޯންޗްކޮށްދެއްވުމަށްފަހު މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ މިފަހަރުގެ ވަރލްޑްކަޕާ ކުރިމަތިލާއިރު ދިވެހި ޒުވާނުން ހުނަރު ދަށްކާލާނެ ފެންވަރު ރަނގަޅު ފުޓްސަލް ދަނޑުތައް ހުރުމަކީ އުފަލެއްކަމަށެވެ. ރާއްޖޭގެ ތަރައްޤީގައި، އަދި އިޤްޠިޞާދާއި ފަތުރުވެރިކަމުގައި ޕީއެސްއެމްއިން މުޙިއްމު ދައުރެއް އަދާކުރައްވަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެކަންކަމުގެ ޞައްހަ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ގެނެސްދެނީ ޕީއެސްއެމްއިންކަމަށެވެ. އެކަން ފާހަގަކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބުދުލްލަތީފް ވިދާޅުވީ މިހާ ދުރާލާ ވަރލްޑްކަޕް ދެއްކޭނެ ކަމުގެ ޔަޤީންކަން ޕީއެސްއެމްއިން ހޯދީ ސަރުކާރުން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ އިސްނެންގެވުމުގެ މަތީންކަމަށެވެ. ވަރލްޑްކަޕް ދިވެހިރައްޔިތުންނަށް ދެއްކޭނެކަމުގެ ޔަޤީންކަން ހޯއްދަވައިދެއްވުމަށް ސީދާ ރައީސް ޔާމީން އެދިވަޑައިގެންނެވިކަން އިކްރާމް ފާހަގަކުރެއްވިއެވެ. 

އެކަން ހަޤީޤަތަކަށް ހެއްދެވުމަށް ދުރާލާ ޕީއެސްއެމްގެ ޓީމުން މަސައްކަތް ފެއްޓެވިކަން ފާހަގަކުރައްވަމުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަރލްޑްކަޕް ރައިޓްސް ހޯދުމުގެ މަސައްކަތް ފެއްޓެވިކަމަށެވެ. އަދި މިފަހަރުގެ ކަވަރޭޖަކީ އިތުބާރުކުރެވޭ ތަފާތު ބައިތައް ހިމެނޭނެ ފުރިހަމަ ކަވަރޭޖަކަށް ވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

" ރާއްޖޭގެ ހުރިހާ ރަށްތަކަށް، ހުރިހާ ގެތަކަށް، ހުރިހާ ސިޓިންގރޫމްތަކަށް އަދި ހުރިހާ ސްމާރޓްފޯނުތަކަށް އެންމެ ރަނގަޅު ކޮލިޓީގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރލްޑްކަޕް ދައްކާނަން. ވަރލްޑްކަޕް އީދުގެ ފޯރީގައި ހުރިހާ ދިވެހިރައްޔިތުން ޝާމިލްކުރުވާނެކަމުގެ ޔަޤީންކަން އަރުވަން " އިކްރާމް ވިދާޅުވިއެވެ.

ޕީއެސްއެމްގެ ވަރލްޑްކަޕް ކަވަރޭޖްގެ މިފަހަރުގެ އެނަލިސްޓުންނަކީ ކޯޗު އަލީ ސުޒޭން، މައުރޫފް އަހުމަދު، މުޙައްމަދު ނަޒީހު، މުޙައްމަދު ނިޒާމް، އަހުމަދު ޝާކިރު، ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމްގައި ފުލްކޮށް ކުޅުނު ދެ ކުޅުންތެރިންކަމަށްވާ ޞޮބާހު މުޙައްމަދު އަދި އަލީ އުމަރުގެ އިތުރުން ތަޖުރިބާކާރު ނޫސްވެރިޔާ އަބުދުﷲ އަޒްމީންއާއި، މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމްގެ އެޑިޓަރ ޝިމާޒް އަލީއެވެ.