ޚަބަރު

ޓެރަރިޒަމް ހުއްޓުވުމުގައި ރާއްޖެއަށް ބޮޑެތި ކާމިޔާބީތަކެއް


ރާއްޖެއަކީ ހައްދުފަހަނަޅައިދިއުމުގެ ފިކުރު އުފައްދާ ޤައުމެއްކަމަށް ބައެއް ފަރާތްތަކުން ސިފަކުރަމުންގެންދާ ގެންދިއުން މިހާރު ކުޑަކުރެވިފައިވާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން އުފެދުނު ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ މަސައްކަތަށް 2 އަހަރު ފުރުނުއިރު މުހިންމު ކާމިޔާބީތަކެއް ޙާޞިލްކުރެވިފައިވާކަމަށެވެ. އަދި ހައްދުފަހަނައަޅައިދިއުމުގެ ފިކުރުގެ ތެރެއިން އަނިޔާވެރިކަން އިސްކުރުމުގެ ފިކުރު ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދަވާކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، ޓެރަރިޒަމް ހުއްޓުވުމަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކާއެކު ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަމަށެވެ. އަދި ހައްދުފަހަނައަޅާ ދިއުމަށް މަސައްކަތްކުރާ ވަކި ޖަމާއަތެއް ރާއްޖޭގައި ނެތްކަމަށާއި، މިކަމުގައި ޝާމިލްވަނީ ވަކިވަކި ފަރުދުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުގައި ކުރަމުންދާ ހަނގުރާމަތަކަށް ރާއްޖެއިން ދާ މީހުންގެ އަދަދު މަދުކުރެވިފައިވާކަމަށާއި، ކުރިން އިއުލާނު ކުރި 61 މީހުންގެ އިތުރުން  މި ހަނގުރާމަތަކުގައި ބައިވެރިވުމަށް ގޮސްފައިވަނީ އެންމެ މީހެއްކަން މިނިސްޓަރ އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ލޯކަލް ޓޫރިޒަމް ތަރައްޤީކޮށް، ޚިދުމަތްދޭ ހުރިހާ ފަރާތްތަކުންވެސް ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ދިވެހި ސަޤާފަތާއި އާދަކާދަތައް ތަންދޭގޮތަށް ކުރިޔަށް ގެންދިއުން ވަރަށް މުހިންމުކަމަށެވެ.