ވިޔަފާރި

މި ސަރުކާރުން ވަނީ މަސްވެރިންނަށް ހަމަ އަގު ހޯދައިދީފައި- ޝައިނީ


މަހުގެ އަގު އެއްވަރެއްގައި ހިފެހެއްޓި ސަރުކާރެއް މިނޫނިއްޔާ ނޯންނާނެކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝަޢިނީ ވިދާޅުވެއްޖެއެވެ. 

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "އެންމެ ފުރަތަމަ ޤައުމު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ބަދަލުއައި ނަމަވެސް އޭގެ މާބޮޑު އަސަރެއް ދިވެހި މަސްވެރިކަމަށް ނުކުރާކަމަށެވެ. މިގޮތުން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ދިޔަނަމަވެސް، މި ސަރުކާރުން މަސް ގަންނަ އަގު ދަށްކޮށްފައިނުވާނެކަމަށާއި، ސަރުކާރުން މަސައްކަތްކުރަނީ މަސްވެރިންނަށް އެންމެ ރަނގަޅު އަގު ދިނުމަށް ކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުން ރާއްޖޭގައި މަސްގަންނަ އަގު ތަފާތު ގޮތްގޮތަށް ބަދަލުކޮށްފައިވާކަމަށާއި، ނަމަވެސް މި ސަރުކާރުން މަހުގެ އަގު އެއްވަރެއްގައި ހިފަހައްޓާފައިވާކަމަށެވެ.

"ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ނިސްބަތައް ބަލާފަ މިއަށްވުރެ ބޮޑަށް މަސްވެރިންނަށް ފައިސާ ދިން ސަރުކާރެއް ނޯންނާނެ. ނަޝީދުގެ ސަރުކާރުގައި 19ރ އަށް 20ރ އަށް 25ރ އަށް މަސް ކިލޯއެއް ދިޔައިރުގައި ދުނިޔޭގެ ބާޒާރުގައި 2200 ޑޮލަރަށް މަސް ޓަނެއް ހުރި. އަޅުގަނޑުމެން މި ސަރުކާރު އައިރު ދުނިޔޭގެ ބާޒާރުގައި މަސްޓަނެއް އުޅުނީ 800 ޑޮލަރުގައި. އެކަމަކު އޭރުވެސް ސޯޅަ ރުފިޔާ އަޅުގަނޑުމެން މަސްވެރިންނަށް ދެމުން ދިޔައީ. މިއަދު 1450 ޑޮލަރަށް މަސްޓަނެއް އެހެރީ. މިއަދުވެސް އަޅުގަނޑުމެން އަގު ވައްޓާނުލާ ހިފަހައްޓައިގެން މިތިބީ. އެކަމަކު މިސަރުކާރުގަވެސް ގޮސްފި 1900 ޑޮލަރަށް ޓަނެއް ހުރި ދުވަސްވެސް އައި. އެދުވަސްވަރު ލިބޭ އެއްޗަކުން މިހާތަނަށް ދަންމާލައިގެން މި ހިފަހައްޓަނީ. އެހެންވީމަ މަހުގެ އަގު އެއްވަރެއްގައި ހިފެހެއްޓި ސަރުކާރެއް މިނޫނިއްޔާ ނޯންނާނެ".

ރާޢްޖޭގެ މަސްގަންނަ ކުންފުނިތަކުން މަސްކިލޯއެއް ގަންނަނީ ވިހި ރުފިޔާއަށެވެ. ރާއްޖެއިން އެންމެ ގިނައިން ކަޅުބިލަމަސް ބޭރުކުރަނީ ތައިލެންޑްގެ ބާޒާރަށެވެ. އަދި ބޮޑުކަންނެލި އެންމެ ގިނައިން ބޭރުކުރަނީ ޔޫރަޕްގެ މާކެޓް ތަކަށެވެ. ނަމަވެސް ފިނި މޫސުމާ ދިމާކޮށް ޔޫރަޕްގެ މާކެޓްތަކުގައި ކަންނެލީގެ އަގު ދަށަށް ދާތީ މި މައްސަލަ ހައްލުކުރުމަށް މި ދުވަސްވަރު އެމެރިކާގެ މާރކެޓްތަކަށް ކަންނެލި ބޭރުކުރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސަވާފައިވާކަމަށް މިނިސްޓަރ ޝައިނީ ވަނީ ވިދާޅުވެފައެވެ.