ކުޅިވަރު

ޒިދާންގެ ހިފެހެއްޓުމެއްނެތް ތައުރީފް ރޮނާލްޑޯއަށް


އެއިބާ އަތުން 2-1 ން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި ދެ ގޯލު ޖެހުމާއެކު ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކޯޗު ޒައިނުއްްދީން ޒިދާން ވަރަށް ބޮޑަށް ތައުރީފް ކޮށްފިއެވެ.

"އޭނާ އަކީ މުޅިން އެހެން ގެލެކްސީ އަކުން އައިސްފައިހުރި ކުޅުންތެރިއެއް. އަހަރުމެންނަށް އުނދަގޫ މެޗުތަކުގައިވެސް ލިބޭ މަދު ފުރުސަތުތަކުން އޭނާ ގޯލް ޖަހާ. ރޮނާލްޑޯއަށް އެނގޭ އޭނާ އަކީ ގޯލު ޖަހަންޖެހޭ ކުޅުންތެރިއެއްކަން. އޭނާ ގޯލުޖަހަންވާނެކަން. އަހަރެންގެ ހިތުގައި އޭނާއަށް އޮތީ މުޅިން ވެސް ތައުރީފް،" ޒިދާން ބުންޏެވެ.

އެންމެ ފަހުން ރޮނާލްޑޯ ކުޅުނު ހަތް މެޗުގައި ވެސް އޭނާ ވަނީ ގޯލު ޖަހާފަ އެވެ. މިހެންވެ މިވަގުތު ރޮނާލްޑޯ ހުރީ ވަރަށް ފޯމުގައި ކަމަށް ޒިދާން ބުންޏެވެ.

"އޭނާގެ ތަފާސް ހިސާބުތަކުން އެބައެނގޭ އޭނާގެ ފެންވަރު. އޭނާ ކުރާ މަސައްކަތް އެބައެނގޭ. ހަގީގަތުގައި ޓީމު ފޯމަކަށް އެޅުމުގައި ރޮނާލްޑޯގެ ދައުރުވެސް ވަރަށް ބޮޑު،" ފާއިތުވެދިޔަ ދެ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއާ ބެހޭ ގޮތުން ޒިދާން ބުންޏެވެ.

މި މެޗުން މޮޅުވުމާއެކު ރެއާލް އޮތީ ޓޭބަލުގެ ތިން ވަނާގަ އެވެ. އެއީ 57 ޕޮއިންޓާއެކުގައެވެ. އެއްވަނާގައިވަނީ 72 ޕޮއިންޓާއެކު ބާސެލޯނާ އެވެ. އެ ޓީމު ރޭ މޮޅުވީ މަގާލާ އަތުން 2-0 ނެވެ. ލަޔޮނަލް މެސީ ނެތި ކުޅުނު މި މެޗުގައި ބާސެލޯނާ އަށް ގޯލު ޖަހައިދިނީ ފިލިޕް ކުޓީނިއޯ އާއި ލުއިސް ސުއަރޭޒްއެވެ.