މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 3ގެ ގަދަ 12 ބައިވެރިން ޔަޤީންވެއްޖެ


މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގާލާ ރައުންޑަށް ދަތުރުކުރި 12 ބައިވެރިން އިޢުލާންކޮށްފިއެވެ. 

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ މިފަހަރުގެ ސީޒަންގެ ގަދަ 12 އިން ޖާގަ ހޯދި ފުރަތަމަ 6 ބައިވެރިން މިދިޔަ ހަފްތާގައި ވަނީ އިޢުލާންކޮށްފައެވެ. އަދި ޕިއާނޯ ރައުންޑުގެ ދެވަނަ ޝޯވގައި ވާދަކުރި ބައިވެރިންގެ ތެރެއިން، ކުރިއަށް އޮތް ގާލާ ރައުންޑަށް ދަތުރުކުރި 6 ބައިވެރިން އިޢުލާންކޮށްފައިވަނީ މިރޭ ބޭއްވި އެލިމިނޭޝަން ނައިޓުގެ ޝޯވގައެވެ. 

މިރޭގެ ޝޯވގައި ޖަޖުންގެ 50 އިންސައްތަ މާކްސް އާއި ބެލުންތެރިންގެ 50 އިންސައްތަ ވޯޓުން އެންމެ މަތިން މާކްސް ލިބިގެން ކުރިއަށް އޮތް ގާލާ ރައުންޑަށް ދަތުރުކުރި 6 ބައިވެރިންނަކީ: ހަސަން ޝަހުދާން، އިބްރާހީމް ޝަމްވީލް، އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު، ތަސްލީމް ޢަބްދުލްކަރީމް، ނައުޝާދު ޢަބްދުލްލަތީފް އަދި މަރިޔަމް ސަލްވާއެވެ.

tw:https://twitter.com/Maldivian_Idol/status/972525987228348417

ޕިއަނޯ ރައުންޑުގެ ދެވަނަ ޝޯވގައި ޕަރފޯމްކުރި 8 ބައިވެރިންގެ ތެރެއިން މިރޭ އެލިމިނޭޓްވި 2 ބައިވެރިންނަކީ: މޫސާ އިޝާން އަދި އަޙްމަދު ނާޒިހެވެ.  

މިރޭގެ އެލިމިނޭޝަން ނައިޓާއެކު ޕިއަނޯ ރައުންޑުގެ ޝޯވތައް މިހާރު ނިންމާލާފައިވާއިރު، ތިއޭޓަރ ރައުންޑުން ގޯލްޑަން މައިކް ހާސިލްކުރި 4 ބައިވެރިންވެސް އައިޑަލްގެ ގަދަ 12 އިން ޖާގަ ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ. ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ ޝޯވތަކާއެކު އައިޑަލްގެ ފޯރި އިތުރަށް ގަދަވެގެންދާނެކަމަށް ބެލެވެއެވެ. ސަބަބަކީ އައިޑަލްގެ ހަޤީޤީ ފެށުމަކީ ގާލާ ރައުންޑުކަމަށްވެފައި، ބައިވެރިންގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރަށް، މިއިން ކޮންމެ ބައިވެރިއަކުވެސް ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރުމަށް މަސައްކަތް ކުރާނެތީވެއެވެ. ގަދަ 12 ބައިވެރިންނާއެކު ކުރިއަށްގެންދާ ގާލާ ރައުންޑުގެ ޝޯވތައް އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިފަހަރުގެ ސީޒަންގެ ސެޓުންވެސް ބޮޑެތި ބަދަލުތަކެއް ބެލުންތެރިންނަށް ފެނިގެންދާނެކަމަށް އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. އަދި ޝޯވގެ ޖޯޝާއި، ފޯރި އިތުރަށް ގަދަކުރުމަށްޓަކާ ތަފާތު ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ކުރީގެ ސީޒަންތަކެކޭ އެއްފަދައިން މިފަހަރުގެ ސީޒަނަށްވެސް ބެލުންތެރިންގެ ފަރާތުން އަދަޔާ ޚިލާފު ތަރުޚީބެއް ލިބެމުން އަންނައިރު، ޝޯވގައި ވާދަކުރާ އެކި ބައިވެރިންގެ ނަމުގައި ސޯޝަލް މީޑިއާގައި ފޭން ޕޭޖްތައް ހަދައި، ބައިވެރިންނަށް އޮންނަ ލޯތްބާއި، ތަރުޚީބުގެ ޝުޢޫރުތައް ފާޅުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.