ކުޅިވަރު

ގްރީން ބަލިކޮށް، އީގަލްސް އެއްވަނައަށް!


ގްރީން ސްޓްރީޓްސް ބަލިކޮށް، މާލޭ ލީގު ތާވަލްގެ އެއްވަނައަށް އީގަލްސް ޖެހިލައިފިއެވެ. 

އެސްޓިއޯ މާލެ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު އީގަލްސް ކާމިޔާބުކުރީ ދެ ލަނޑު އެއް ލަނޑުންނެވެ. މެޗުގައި ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅެ ގިނަ ހަމާލަތައް އުފެއްދީ އީގަލްސްއިންނެވެ. މެޗުގެ އީގަލްސް ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ ހަވަނަ މިނިޓްގައި ބްރެޒިލް ފޯވާޑް އެޑުއާޑޯއެވެ. ގްރީންއިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފް ފެށިގެން އަށްވަނަ މިނިޓްގައި މުހައްމަދު ރިޝްވާންގެ ލަނޑުންނެވެ. 

މެޗުގައި އީގަލްސް މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ މުޙައްމަދު ނާއިމްއެވެ. މިމޮޅާއެކު ތިން މެޗުން ހަތް ޕޮއިންޓާއެކު މިވަގުތު އީގްލަސް އޮތީ ތާވަލްގެ އެއް ވަނައިގައެވެ. ގްރީންއަށް ލިބިފައިވަނީ ތިން މެޗުން ދެ ޕޮއިންޓެވެ. އީގްލަސްއަށް ލީގުގައި ދެން އޮތީ ނިއުރޭޑިއަންޓާއި ދެކޮޅަށް ކުޅޭ މެޗެވެ. ގްރީން ސްޓްރީޓްސް ދެން ނިކުންނާނީ ޔުނައިޓެޑް ވިކްޓަރީއާއި ދެކޮޅަށެވެ. މިދެމެޗުވެސް ކުޅޭނީ މިމަހުގެ ވިހިވަނަދުވަހުއެވެ.