ޚަބަރު

އައިޓީބީ2018: ބުރަ މަސައްކަތާއެކު ރާއްޖެއަށް ކާމިޔާބު!


ޖަރުމަނު ވިލާތުގެ ބާލިންގ ގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ޓޫރިޒަމް ބޯސޭ، (އައިޓީބީ)ގެ މިއަހަރުގެ ފެއާގައި ރާއްޖެއަށް ދަނީ ބޮޑެތި ކާމިޔާބީތަކެއް ލިބެމުންނެވެ. އެގޮތުން ރާއްޖެއާމެދު ޝައުޤުވެރިވާ ވިޔަފާރިވެރިންނާއި ފަތުރުވެރިކަމާ ގުޅުންހުރި ފަރާތްތަކުގެ ތަރުޙީބު ފާހަގަކޮށްލެވެއެވެ. އަދި ރާއްޖޭގެ ސްޓޭންޑުގެ ފުރިހަމަކަމާއި އެތަނަށް ލިބެނުންދާ ތަރުޙީބުވެސް ފާހަގަކޮށްލަންޖެހެއެވެ.  

މީގެ އިތުރުން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއްކަމަކީ ބައިނަލް އަޤްވާމީ ދެ އެވޯޑެއްވެސް ރާއްޖެއަށް ލިބިފައިވާކަމެވެ.

އައިޓީބީ މިފަހަރުގެ ފެއާގައި ރާއްޖެއަށް ލިބެމުންދާ ކާމިޔާބުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއްކަމަކީ ފަތުރުވެރިކަމާ ގުޅުންހުރި ދެ އެވޯޑެއް ރާއްޖެއަށް ލިބިފައިވާކަމެވެ. ދުނިޔޭގެ ޓްރެވަލް ދާއިރާގެ ކަންކަން ބަލައި ދިރާސާކޮށް އެކިއެކި މަންޒިލްތަކާމެދު ފަތުރުވެރިންގެ ޝައުޤުވެރިކަން ހުރިނެތްގޮތް ބަލާ ޖަމާޢަތެއްކަމަށްވާ ޑީއެސްއައި އިން ދިން ދޭ ދެ އެވޯޑެއް ރާއްޖެއަށް ވަނީ ލިބިފައެވެ. އެއީ އެންމެ ގިނަ މީހުން ދަތުރުކުރަން ބޭނުންވާ އޭޝިއާގެ މަންޒިލްގެ ގޮތުގައި ރާއްޖެ ހޮވިފައިވާތީ ދިން އެވޯޑަކާއި އެންމެ ގިނަ މީހުން ޒިޔާރަތް ކުރަން ބޭނުންވާ ގޮނޑުދޮށްތައް ހިމެނޭ މަންޒިލުގެ ގޮތުގައި ރާއްޖެ ހިމެނިފައިވާތީ ދީފއިވާ އެވޯޑެކެވެ.

img:http://s2.psmnews.mv/images/660x400/15206658254793.jpg|އައިޓީބީ2018، ރާއްޖޭގެ ސްޓޭންޑްގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -

އައިޓީބީގެ މިފަހަރުގެ ފެއާގައި ރާއްޖެއަށް ބޮޑެތި ކާމިޔާބީތަކެއް ލިބެމުންދާއިރު، މިތަނުން ފެންނަ މަންޒަރުތަކަށް ބަލާއިތު، އެހެން ޤައުމުތަކުގެ ސްޓޭންޑްތަކާއި ރާއްޖޭގެ ސްޓޭންޑްގެ ތަފާތުކަން ވަރަށްބޮޑަށް ފާހަގަކުރެވެއެވެ. ކާރުބާރުބޮޑު ތޮއްޖެހިފައިވާ މާޙައުލެއް ރާއްޖޭގެ ސްޑޭންޑުން ފެންނައިރު، އެހެން ގިނަ ޤައުމުތަކުގެ ސްޑޭންޑްތައް ގިނަފަހަރު ހުންނަނީ މުޅިންހެން ފަޅުކޮށްކަން ފާހަގަކުރެވެއެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ދުނިޔޭގެ ގިނަބަޔަކު ޤަބޫލުރާ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިސްތިހާރުކޮށް، މިއިންޑަސްޓްރީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދިވެހިޓީމު ކުރާ މަސައްކަތަކީ އާދައިގެ ކަމެއްނޫނެވެ. ދިވެހި ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ހިތްގައިމުކަން ދުނިޔޭގެ އެތައް ޤައުމެއްގެ ރައްޔިތުންގެ ހިތުގެ އެންމެ ފުނަށް ގެންގޮސްދެނީ ދިވެހިންގެ މި ހިތްހެޔޮކަމާއި، އުފާވެރި ހިނިތުންވުމާއެކުއެވެ.  

img:http://s1.psmnews.mv/images/660x400/15204278897139.jpg|ޖަރުމަނު ވިލާތުގެ ބާލިންގ ގައި މިހާރު ކުރިއަށްދާ އައިޓީބީ 2018 ގެ ރާއްޖޭގެ ސްޓޭންޑް - ފޮޓޯ: ޕީއެސްއެމް ނިއުސް

މިޓީމުގެ މަސައްކަތާއެކު މިފަހަރުގެ އައިޓީބީ ފެއާގައި ދިވެހި ވިޔަފާރިތަކަށް ފަހިވެފައިވާ ފުރުސަތުތަކާއި، އެކަމުން ލިބެމުންދާ ކުރިއެރުންތައް އެމީހުން ފާހަގަކުރަނީ އުންމީދީ އުފާވެރި ޝުޢޫރުތަކަކުންނެވެ.

މިފަހަރުގެ އައިޓީބީ ފެއާއިން ފެނިގެންދަނީ ދިވެހި ސަރުކާރާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ އެކިފަންތީގެ އެންމެހައި ވިޔަފާތިތަކުން ޓީމެއްގެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކުރާ ހިތްގައިމު މަންޒަރެވެ.