ކުޅިވަރު

ނޭމާ އުނބަށްޖެހީތަ؟


ދުނިޔޭގެ ރެކޯޑް އަގަކަށް ބާސެލޯނާ ދޫކޮށްލި ބްރެޒިލްގެ ތަރި ނޭމާ ކުރިމަގު ސުވާލު މާކެއްގެ ތެރެއަށް ހިނގައްޖެއެވެ.

ސްޕޭނާއި ފްރާންސް އަދި ބްރެޒިލްގެ ނޫސްތަކުން ބުނާގޮތުގައި އަންނަ ސީޒަނުގައި ނޭމާ ކުޅެން ބޭނުންވަނީ ސްޕޭނުގައެވެ. އެކުލަބަަކަށްވާނީ ރެއާލް މެޑްރިޑް ނުވަތަ ބާސެލޯނާއެވެ.

ބާސެލޯނާ ދޫކޮށް ނޭމާ ދާން ބޭނުންވާ ހަބަރު ބްރޭކް ކުރި ބްރެޒިލްގެ ނޫސްވެރިޔާއާ ހަވާލާދީފައިވާ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ނޭމާ ވަނީ އެނބުރި ބާސެލޯނާއަށް ދާން މަޝްވަރާކޮށްފައެވެ. އެއީ ބާސެލޯނާގައި ތިބި އޭނާގެ ގާތް ރަހުމަތްތެރިންނާއި، މެނޭޖްމަންޓާއެވެ. ނޭމާ ޤަބޫލުކުރާ ގޮތުގައި ބާސެލޯނާ ދޫކޮށްލުމަކީ އޭނާއަށް ހެދުނު ގޯހެކެވެ.

ނޭމާ ގެންދެވޭ ވަރުގެ ޤާބިލްކަންހުރި އަނެއް ކުލަބަކީ ރެއާލް މެޑްރިޑެވެ. ނަމަވެސް އޭނާގެ ޓްރާންސްފާ ފީއަށް މަދުވެގެން 300 މިލިއަން ޔޫރޯ ހަރަދު ކުރަން ޖެހޭތީ މިއީ ކުލަބުތަކަށް ކުރަން އެހާ ފަސޭހަވާނެ ކަމެއްނޫން ކަމަށް ތަޖުރިބާކާރުން ވަނީ ބުނަން ފަށައިފައެވެ. ނޭމާ ގެންދިއުމަށް ރެއާލްއިން ބޭނުންވި ނަމަވެސް އޭނާގެ ސޮއި ހޯދަން ދައްކަންޖެހޭ ފީ އަކީ ރެއާލްއަށްވެސް ފަސޭހަ އަދަދަކަށްނުވެއެވެ. ނަމަވެސް ކުޅުންތެރިޔާ ބޭނުންނަމަ އެއަދަދު ދައްކަންޖެހޭނެ ކަމަށް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ ބުނެފައެވެ.

ޕީއެސްޖީން ވަނީ ނޭމާ ވިއްކާލުމުގައި ހިޔާލު ތަފާތުވުން އުފެދިފައެވެ. އެކުލަބުން ބޭނުންވަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށްފަހު ނޭމާ ދޫކޮށްލާށެވެ. ނަމަވެސް ކުޅުންތެރިޔާގެ ނުރުހުމުގައި އޭނާ ބަހައްޓައިގެން ވާނެ ފައިދާއެއްނެތްކަން ޕީއެސްޖީގެ ވެރިން ޤަބޫލުކުރެއެވެ.

މި އަހަރުގެ ޗެމްޕިއަންސް ލީގުގައިވެސް ނޭމާއަށް މާ އެދެވޭ ކުޅުމެއް ނުދެއްކެއެވެ. ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާއަށް މި ސީޒަން ނިމިފައިވާއިރު ދެ ވަނަ ބުރުގައި ރެއާލް މެޑްރިޑާ ދެކޮޅަށްވެސް ނޭމާއަށް ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. ފްރާންސްގެ ރިޕޯޓްތައް ބުނާގޮތުން ނޭމާ ވަނީ ޕީއެސްޖީގެ ކުޅުންތެރިންނަށް އަލްވަދާއު ކިޔައިފައެވެ.