ޚަބަރު

"2012 ގައި ވެރިކަން ބަދަލުކުރުމުގައި ނަޝީދުވެސް ބައިވެރިވި"


ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ބަޣާވާތްކުރުމާއި ދުރު ބޭފުޅެއް ނޫންކަމަށާއި 2012 ވަނަ އަހަރު ވެރިކަމުން ދުރުކުރީ ބަޣާވާތަކުންކަމަށް އަމިއްލަފުޅަށް ވިދާޅުވުމަށްފަހު އެ ބަޣާވާތުގައި ޚުދު ނަޝީދުވެސް ބައިވެރިވެފައިވާކަން އެމަނިކުފާނުގެ އަމަލުފުޅުތަކުން މިއަދު ވަރަށް ރަނގަޅަށް ސާފުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ. 

ޕީ.އެސް.އެމްގެ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މޫސާ މަނިކު ވިދާޅުވީ، ޑިމޮކްރަސީއެއްގައި ހުރިހާ ބާރުތަކެއްވެސް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށާއި ޑިމޮކްރަސީއަކީ ރައީސް ނަޝީދުގެ މުށުތެރޭގައި އޮންނަންޖެހޭ އެއްޗެއް ނޫންކަމަށެވެ. އަދި ރައީސް ނަޝީދަކީ ވެރިކަމާއި ނުލައި އުޅެން ދަތި ބޭފުޅެއްކަމަށާއި އެއްގޮތުން ނުވިއްޔާ އަނެއްގޮތުންވެސް ވެރިކަމަށް ވަޑައިގަތުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެކަމަށާއި، އެމަނިކުފާނަކީ އެއް އިރެއްގައިވެސް ބަހާ އަމަލާ ދިމާވާ ބޭފުޅެއް ނޫންކަމަށް މޫސާ މަނިކު ތުހުމަތުކުރެއްވިއެވެ. އެގޮތުން 2008 ވަނަ އަހަރުވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ވެރިކަން ބޭނުންނުވާކަމަށް ވިދާޅުވުމަށް ފަހުކަމަށާއި، އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާދީ އެއީ ބަޣާވާތަކުން ވެރިކަން ވައްޓާލީކަމަށްބުނެ، މިއަދު އެ ބަޣާވާތް ކުރިކަމަށްބުނާ ބޭފުޅުންނާއެކީ އެމަނިކުފާނު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވަމުންދާކަމީ އެމަނިކުފާނުވެސް ޚުދު އެ ބަޣާވާތުގައި ބައިވެރިވިކަމުގެ ހެއްކެއްކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.



ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދާއެކު ރާއްޖޭގެ ވެރިކަމާއި ތޮޅެން މިއަދު މަސައްކަތް ކުރަމުންދާ ފަރާތްތަކަކީ ސިޔާސީގޮތުން އެއްވެސް ބުރަދަނެއް ނެތް ބައެއްކަމަށާއި، އެއީ ހުރިހާ ގޮތަކުންވެސް ފެއިލްވެފައި ތިބި ބައެއްގެ ގޮތުގައި މޫސަ ސިފަކުރެއްވިއެވެ. އަދި އެންމެ ޑިމޮކްރެޓިކް ލީޑަރުކަމަށް ވިދާޅުވާ ބޭފުޅާވެސް، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ވަޑައިގެންނެވި ގޮތާމެދު މުސާ މަނިކު ސުވާލު އުފެއްދެވިއެވެ.  



އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ، ދާދިފަހުން ރާއްޖެއަށް ގެންނަން މިއުޅުނު ބަޣާވާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ވެރިކަންކުރާ ޕީ.ޕީ.އެމްގެ ފަރާތުން ޤާސިމް އިބްރާހީމްގެ ވާހަކަ އެންމެ ގިނައިން ދައްކާ ސަބަބަކީ، ދަޢުލަތަށް ދައްކަންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކާ ބަޣާވާތްކުރުމަށް އެފައިސާ ޤާސިމް އިބްރާހީމް ޙަރަދުކުރައްވާތީކަމަށެވެ. ހަމައެހެންމެ ބޭރުގެ ބޮޑެތި ބާރުތަކުންވެސް ރާއްޖެއާމެދު ހިތުހުރި ގޮތެއް ހެދުމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވަނީ އިދިކޮޅު ފަރާތްތަކުން އެފުރުޞަތު ދޭތީކަމަށް އިބްރާހީމް ދީދީ ވަނީ ތުހުމަތު ކުރެއްވިއެވެ.