ޚަބަރު

ބޮލިފުށި ކައިރިއަށް ޓަގެއް ބަންޑުންޖަހާ އެކަކަށް އަނިޔާވެއްޖެ


މާލެ އަތޮޅު ބޮލިފުށި ކައިރިއަށް ޓަގެއް ބަންޑުންޖަހާ އެކަކަށް އަނިޔާވެއްޖެއެވެ. މިހާދިސާގައި އަނިޔާވީ ޓަގު ބޯޓުގައި އެވަގުތު ތިބި 3 ދިވެހިންނާއި 4 ބިދޭސީންގެ އެތެރެއިން ބިދޭސީ މީހަކަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އަނިޔާވި މީހާ އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސްފައެވެ. 

"ލިއޯ ކޮމާންޑާ" ނަމަކަށް ކިޔާ ޓަގު ބަންޑުން ޖެހިކަމުގެ ރިޕޯޓު ކޯސްޓްގާޑަށް ލިބުނީ މިއަދު ހަވީރު 3:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ހާދިސާ ހިނގި ވަގުތު 3 ދިވެހިންނާއި 4 ހަތަރު ބިދޭސީން ތިއްބެވެ. 

މިހާދިސާ ހިނގި ކަމަށް ބެލެވެނީ ބާޖެއް ކަފުޖަހައިގެން އުޅުމުގެ ތެރޭގައި ބޮލިފުށި ކައިރިން ހިއްކަމުންދާ ސަރަހައްދުގެ ފަސްގަނޑުގައި ޖެހިގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މިހާރު ހާދިސާ ހިނގި ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑު ގޮސް ދަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.