ޚަބަރު

"އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ ތަރައްޤީ ހުއްޓުވަން"


އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ މިސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްޤީ ހުއްޓުވުމަށްކަމަށް މިނިސްޓަރ އޮފް އެންވާރަމަންޓް އެންޑް އެނާޖީ ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ހއ. ނޮޅިވަރަންފަރުގެ ނަރުދަމާގެ ނިޒާމްގެ ޢަމަލީ މަސައްކަތް ފައްޓަވާދެއްވާ ވާހަކަދައްކަވަމުންނެވެ.

ހއ. ނޮރިވަރަންފަރުގައި ޤާއިމްކުރާ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެންވާރަމަންޓް އެންޑް އެނާޖީ ތޯރިޤް އިބްރާހިމް ވިދާޅުވީ ވޭތުވެދިޔަ ދިގު މާޒީގައި އައިސްފައިވާ އެއްވެސް ސަރުކަރަކުން އަތޮޅުތެރޭގެ ތަރައްޤީގެ މަޝްރޫތަކަށް އަހައްމިއްޔަތުކަންދީފައި ނުވާކަމަށެވެ. އަދި އެސަރުކާރުތަކުން ފުރިހަމަ ނުކޮށްދިން ތަރައްޤީގެ މަޝްރޫޢުތައް ނޮޅިވަރަންފަރުފަދަ ރަށްތަކަށް ގެނެސްދިނީ ރައީސް ޔާމީނުގެ ސަރުކާރުންކަމަށެވެ.



މިނިސްޓަރ ތޯރިޤް ވިދާޅުވީ ރައީސް ޔާމީނަކީ ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދިނުމަށް އަހަންމިޔަތުކަންދޭ ވެރިއެއްކަމަށެވެ. މިފަދަ މަސައްކަތްތައް ކުރަނީ ބޭރުގެ ލޯނުގެ އެހީއާ ސަރުކާރުގެ ބަޖެޓުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް މިއަދު ފެންނަ ހަޤީޤަތަކީ ސިޔާސީ އިދިކޮޅު ފަރާތްތަކުން މިސަރުކަރުން ކުރާ މަސައްކަތް ހުއްޓުވުމަށް ކެނޑިނޭޅި މަސައްކަތްކުރާ ކަންކަމަށް މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އަމާޒަކީ އެފަރާތްތަކުގެ ވެރިކަމުގައި ކޮށްނުދެވިހުރި ކަންކަން މިސަރުކާރުން ފުރިހަމަކުރާތީ އެކަން ހުއްޓުވުން ކަމަށެވެ. 

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ މިސަރުކާރުން ދުވަހަކުވެސް މިޤައުމު ނުދެކޭފަދަ ތަރައްޤީ ގެނެސްފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ މަސައްކަތް ހުއްޓުވުމަށް ކުރާ މަސައްކަތާއި ދެކޮޅުހެދުމަކީ ރައްޔިތުންގެ ވާޖިބެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ޤައުމަށް ގެންނަމުންދާ ތަރައްޤީ ދަމަހައްޓާ، އިތުރަށް ތަރައްޤީ ކުރެވޭނީ މިސަރުކާރު އިތުރު ދައުރަކަށް ހޮވައިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.



ނޮޅިވަރަންފަރުގައި ނަރުދަމާ މަޝްރޫޢު ފެށިގެން ދިޔައިރު މިއަހަރު ތެރޭ ވަރަށް އަވަހަށް މިރަށުގެ ފެނުގެ މަޝްރޫޢުވެސް ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް މުޙައްމަދު އިބްރާހިމްވަނީ މިސަރުކާރުން ނޮޅިވަރަންފަރަށް ގެންނަމުންދާ ތަރައްޤީގެ މަޝްރޫތަކަށް އަލިއަޅުވާލާފައެވެ. އަދި މިފަދަ ބޮޑު ތަރައްޤީއެއް ރަށަށް ގެނެސްދެމުންދާތީ ސަރުކާރަށް ނޮޅިވަރަންފަރު ކައުންސިލް ރައީސް ރަށުގެ ރައްޔިތުންގެ ނަމުގައި ޝުކުރުއަދާކުރެއްވިއެވެ.