ވިޔަފާރި

ފެބުރުއަރީމަހުވެސް 7 ފަރާތެއްގެ މައްސަލަ ކޯޓަށް - މީރާ


ޓެކްސް ނުދައްކައިގެން ދައުލަތުގެ ޓެކްސް އިދާރާއިން ހުސްވި ފެބުރުއަރީމަހު 7 ފަރާތެއްގެ މައްސަލަ ސިވިލްކޯޓަށް ހުށަހަޅައިފިއެވެ. މީގެ ތެރެއިން 5 މައްސަލައެއް މިހާރު ކޯޓުގައި ހިނގަމުންދާކަމަށް މީރާއިން ބުނެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޓެކްސް ނުދައްކައިގެން ހުސްވި ފެބުރުއަރީމަހު 7 ކުންފުންޏެއްގެ މައްސަލަ ކޯޓަށް ވައްދާފައިވާއިރު މި މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 15.4 މިލިއަން ރުފިޔާއަށް އަރައެވެ. މީގެތެރެއިން އެންމެ ގިނައީ ޓޫރިޒަމް ދާއިރާ އަދި އާއްމު ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއެވެ.

މީރާއިން ގެންދަނީ ދައުލަތަށް ޓެކްސް ނުދައްކާ ފަރާތްތަކުގެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކޯޓަށް ހުށަހަޅަމުން. މިގޮތުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ސިވިލްކޯޓުން ވަނީ ޖީއެސްޓީ ނުދައްކާ މައްސަލައިގައި ނުވަދިހަ ފަރާތަކަށް ހުކުމްކޮށްފައެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ބުނެފައިވަނީ، ވިޔަފާރީގެ ބާވަތާއި، ސައިޒާއި، ދައްކަންޖެހޭ ފައިސާގެ ބާވަތާއި، ވިޔަފާރިކުރާ ފަރާތުގެ އެހެނިހެން ހައިސިއްޔަތުތަކަށް ބިނާކޮށް މީރާއިން އެފަރާތަކާމެދު ފިޔަވަޅު އެޅުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށެވެ. ފައިސާ ހޯދުމުގައާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މީރާއިން އަމަލުކުރަނީ، ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އެންފޯސްމަންޓް ޕޮލިސީއާ އެއްގޮތަށްކަމަށް މީރާއިން ބުނެއެވެ.