ޚަބަރު

ސިއްހީ ދާއިރާގެ މުހިންމު 3 ކަރުދާހެއް ޑަބްލިއު.އެޗް.އޯއަށް ހުށައަޅައިފި





ރާއްޖޭގެ ސިއްހީ ދާއިރާއާއި ގުޅޭ މުހިންމު ތިން ކަރުދާހެއް ރާއްޖޭގެ ފަރާތުން ދުނިޔޭގެ ސިއްހަތު ޖަމުއްޔާ، ޑަބްލިއު.އެޗް.އޯއަށް ހުށައަޅައިފިއެވެ.


 
މި ކަރުދާސްތައް ހުށައަޅާފައިވަނީ، ސްވިޓްޒަރލޭންޑްގެ ޖެނީވާގައި އިއްޔެ ނިމުނު ދުނިޔޭގެ ސިއްހަތު ޖަމުއްޔާގެ އެގްޒެކްޓިވް ބޯޑުގެ ބައްދަލުވުމުގެ ތެރެއިންކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އެގޮތުން ރާއްޖެއިން ހުށައަޅާފައިވާ ތިން ކަރުދާހަކީ، ވައި ނުސާފުވުމުގެ ސަބަބުން އާއްމު  ސިއްހަތަށާއި، ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާ ގުޅޭ ކަރުދާހަކާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ ގުޅޭ ކަރުދާހެއްގެ އިތުރުން، ހޭނެއްތުމާއި އޮޕްރޭޝަންތަކާއި  ކުއްލި ހާލަތުގެ ފަރުވާ ހަރުދަނާ ކުރުމުގެ ކަރުދާހެކެވެ.


 
ދުނިޔޭގެ ސިއްހަތު ޖަމުއްޔާގެ އެގްޒެކްޓިވް ބޯޑުގެ ރިޔާސަތަށް ރާއްޖޭގެ ހެލްތް މިނިސްޓަރ ޑރ މަރްޔަމް ޝަކީލާ އައްޔަން ކޮށްފައިވާއިރު އެކަމަނާގެ ރިޔާސަތުގައި ޑަބްލިއު އެޗް އޯގެ ތެރެއިން މި ކަރުދާސްތަކަށް ބަހުސް ކުރެވި، ކާމިޔާބީ ތަކެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.