ވިޔަފާރި

އދ.މަހިބަދޫގައި އައިސްޕްލާންޓެއް ބަހައްޓަނީ


ކުރިޔަށްއޮތް ހަތަރު މަސްދުވަހުގެ ތެރޭގައި އދ.މަހިބަދޫގައި އައިސްޕްލާންޓެއް ބަހައްޓާނޭކަަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީއޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ބުނީ އދ. މަހިބަދޫގައި އައިސްޕްލާންޓެއް ބަހައްޓަން އެމިނިސްޓްރީން މިހާރު ނިންމަވާފައިވާކަމަށެވެ.

އދ. އަތޮޅަކީ އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތް މިހާތަނަށް ފަށާފައިނުވާ ހަމައެކަނި އަތޮޅުކަމަށްވުމާއެކު އެއަތޮޅުގައި މިޚިދުމަތް ފެށުމަށް މިނިސްޓްރީން ނިންމާ، އެކަމަށް ތައްޔާރުވަމުންދާކަމަށެވެ.

އެގޮތުން މަހިބަދޫގައި އައިސްޕްލާންޓެއް ބަހެއްޓުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރުމަށް މިހާރު ތަައްޔާރުވެފައިވާކަަމަށާއި، ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާލެވޭނެކަމަށް  ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. 

ރާއްޖޭގެ ގިނަ އަތޮޅުތަކުން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސައިދީފައެވެ. އަދި ބައެއް އަތޮޅުތަކުގައި އައިސްޕާންޓް ބެހެއްޓުމުގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްއެބަދެއެވެ. އެންމެ ފަހުން އައިސް ޕްލާންޓް ބެހެއްޓީ ތ.ހިރިލަންދޫގައެވެ. މީގެ ދެހަފްތާ ކުރިން އެޕްލާންޓުން ވަނީ ޚިދްމަތް ދޭންފަށާފައެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ފުރިހަމަކުރެވޭނެކަމަށް މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ ދެއްވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި ވޭތުވެދިޔަ 4 އަހަރު މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.