ޚަބަރު

ބިދޭސީންގެ ކޯޓާގެ މުއްދަތު އިތުރުކޮށްދެވޭނީ ތިންމަސްދުވަހަށް

 


އަންނަ ޖޫންމަހުގެ އެކަކުން ފެށިގެން އިމާރާތްކުރުމުގެ މަސައްކަތަށް ހެދިފައިވާ އެގްރިމަންޓްގެ މުއްދަތު ހަމަވުމަށްފަހު ގެނެސްފައިވާ ބިދޭސިން ފުރުވާލުމަށް ނުވަތަ އެހެން ސައިޓަކަށް ބަދަލުކުރުމަށް ބިދޭސީންގެ ކޯޓާގެ މުއްދަތު އިތުރުކޮށްދެވޭނީ ތިންމަސްދުވަހަށްކަމަށް ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނެފިއެވެ.


 
އެ ޑިޕާރޓްމަންޓުން ބުނީ އިތުރުކޮށްދެވޭ ތިން މަސްދުވަހުގެ ތެރޭގައި ބިދޭސިން ފުރުވާލުމަށް ނުވަތަ އެހެންސައިޓަކަށް ބަދަލު ނުކުރެވުނަސް ކޯޓާގެ މުއްދަތު އިތުރުކޮށް ނުދެވޭނެކަމަށާއި މި ގޮތަށް އަމަލުކުރަން އަންނަ އާދީއްތަ ދުވަހު ފަށާނެކަމަށެވެ. 


 
އާދިއްތަ ދުވަހުން ފެށިގެން މޯލްޑިވްސް އިންލެންޑް ރެވެނިއުއަށް އެއްވެސް ފައިސާއެއް ދައްކަންޖެހޭ ފަރާތެއްވާނަމަ، އެ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނެތްކަން ކަށަވަރުކުރުމަށްފަހުގައި މެނުވީ ޚިދުމަތް ފޯރުކޮށް ނުދޭވޭނެކަމަށްވެސް ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނެއެވެ.


 
 
މީގެ ތެރޭގައި ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީން ގެނައުމަށް ކޯޓާދޫކުރުމާއި ބިޒްނަސް ވިސާ ދޫކުރުން އަދި އެކި ފަރާތްތަކުން ސްޕޮންސަރކޮށްގެން ރާއްޖެއަށް އެތެރެވާ ބިދޭސީންއަށް ހުއްދަ ދިނުންވެސް ހިމެނެއެވެ.


 
މީގެ އިތުރުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސިންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުވޭތާ ކުރު މުއްދަތެއްގެ ތެރޭގައި ހުއްދަ ދެވޭ މަސައްކަތުގެ ގިންތިބަދަލުކުރުމަށް ހުށަހަޅަމުންދާކަން ފާހަގަކުރެވޭކަމަށް އިމިގްރޭޝަން ޑިޕާރޓްމަންޓުން ބުނެއެވެ.


 
 


އެހެންކަމުން ޚާއްސަ ހާލަތެއް މެދުވެރިވެގެން ނޫނީ އަންނަ މަހުގެ އެކަކުން ފެށިގެން ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސިން ރާއްޖެއައި ތާރީޚުން ފެށިގެން މިލާދީ ގޮތުން އެއްއަހަރުވުމުގެ ކުރިން އެމްޕްލޯޔަރ ބަދަލުކުރުމާއި ހުއްދަ ދެވޭ މަސައްކަތުގެ ގިންތި ބަދަލު ނުކުރެވޭނެކަމަށްވެސް އިމިގްރޭޝަން ޑިޕާރޓްމަންޓުން ބުނެއެވެ.