ސިއްހަތު

ލޭބަލް ނުކޮށް ބޭސް ވިއްކައިގެން ނުވާނެ - ހެލްތު މިނިސްޓްރީ


ރާއްޖޭގައި އޮޕަރޭޓްކުރާ ފާރމަސީތަކާއި، ދިވެހިބޭސް ފިހާރަތަކުގައި ވިއްކާ ބޭހުގެ ލޭބަލްގެ މައުލޫމާތު ފުރިހަމަނުކޮށް ބޭސް ނުވިއްކުމަށް ހެލްތް މިނިސްޓްރީން އަންގައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރިއަށްގެންދާ އިންސްޕެކްޝަންތަކުގައި "ލޫސްޕެކް" ނުވަތަ ވަކިވަކިން ރަބަރު ޕެކެޓުގައި ބޭސް ބަންދުކޮށް ފުރިހަމައަށް ލޭބަލް ނުކޮށް، ބައެއް ފާރމަސީތަކާއި، ދިވެހިބޭސް ފިހާރަތަކުގައި ވިއްކަން ބަހައްޓައި އަދި ވިއްކަމުންދާކަން ތަކުރާރުކޮށް ފާހަގަކުރެވިފައިވާކަމަށެވެ. 

އެހެންކަމުން ފާރމަސީތަކާއި، ދިވެހިބޭސް ވިއްކާތަންތަނުގައި ބޭސްބަހައްޓާނަމަ، ޤަވާއިދާއި އެއްގޮތަށް ފުރިހަމައަށް ލޭބަލްކޮށް، އެއަރޓައިޓް ކޮންޓެއިނަރގައި ބޭސް ބެހެއްޓުމަށް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. 

އަދި "ލޫސްޕެކް" ނުވަތަ ވަކިވަކިން ރަބަރު ޕެކެޓުގައި ބޭސް ވިއްކާއިރު، ބޭހުގެ ނަމާއި، ޖެނެރިކް ނަން، ބޭހުގެ ބާރުމިން، ބޭސް އުފައްދާ ކުންފުންޏާއި ޤައުމު، ބޭސް ބޭނުންކުރަން ޖެހޭ ވަގުތުތައް، ބޭސް ބޭނުންކުރެވޭ މުއްދަތު، އަދި ބޭހުގެ މުއްދަތު ހަމަވާ ތާރީޚުގެ އިތުރުން ބެޗް ނަންބަރު އެނގޭނޭހެން ލޭބަލް ހަރުކޮށް މައުލޫމާތު ފުރިހަމަ ކުރުމަށްފަހުގައި ނޫނީ ނުވިއްކުމަށްވެސް ހެލްތް މިނިސްޓްރީން ބޭހުގެ ވިޔަފާރިކުރާ ފަރާތްތަކައް ހަނދާންކޮށްދެމުންދާކަމަށް އެމިނިސްޓްރީން ބުނެއެވެ.

ދިވެހި ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ "ބޭހާއި ބެހޭ ޤަވާއިދު" ބުނާގޮތުން ބޭހުގެ ލޭބަލްގެ މައުލޫމާތު ފުރިހަމަނުވާ ބޭސްތައް އިމްޕޯރޓްކޮށް ވިއްކުމަކީ މަނާކަމެކެވެ.