ހއ. ހޯރަފުށީގަ ޤާއިމްކުރާ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފައްޓަވާ ދެއްވީ މިއަދު ހަވީރު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވައިރޮންމަންޓް އެންޑް އެނަރޖީ ތޯރިޤް އިބްރާހިމްއެވެ.
ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ހޯރަފުއްޓަށް މިނިސްޓަރާއި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ވަޑައިގަތުމުން ހޯރަފުށީ ރައްޔިތުންވަނީ ވަރަށް ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ. މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްގެން ކުރިޔަށްގެންދާ މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރީ މިިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. ހޯރަފުށީގައި ޤާއިމުކުރާ ފެނުގެ ނިޒާމަކީ އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިމަޝްރޫއަށް ފަންސާސް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.
ހޯރަފުށީގެ ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަޝްރޫޢުގެ މަސައްކަތް ކުރާ އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މިމަޝްރޫގެ މަސައްކަތް ކުރިޔަށް އޮތް އައް މަސްދުވަހުގެތެރޭ ނިންމާނެ ކަމަށެވެ. އަދި މިސަރުކާރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ގިނަ މަޝްރޫތަކެއް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށްގެންދާކަން ފާހަގަ ކުރެއްވިއެވެ.
މިމަޝްރޫޢުގެ ދަށުން ހއ. ހޯރަފުށީގައި 19 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމުކުރާނެއެވެ. އަދި ގަޑިއަކު 8 ޓަނުގެ ފެން އުފައްދާ 2 އާރް.އޯ ޕްލާންޓް ބަހައްޓާނެއެވެ. މިގޮތުން މި ދެ ޕްލާންޓުން ދުވާލަކު ޖުމްލަ 156 ޓަނުގެ ފެން އުފެއްދޭނެކަމަށް އިންވައިރޮންމަންޓް މިނިސްޓްރީން ބުނެއެވެ. މަޝްރޫޢުގެ މަސައްކަތް ނިމޭއިރު ހއ. ހޯރަފުށީގައި ސާފު ފެނުގެ ޚިދުމަތް ޤާއިމްވެ ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުއައްސަސާތަކަށް ސާފު ފެނުގެ ޚިދުމަތް ލިބިގެންދާނެއެވެ.