ޚަބަރު

އައިޓީބީ 2018 - ފުރަތަމަ ދެދުވަހު އެކަނިވެސް ރާއްޖެއަށް ކާމިޔާބު


ޖަރުމަނު ވިލާތުގެ ބާލިން ގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ޓޫރިޒަމް ބޯސޭ، (އައިޓީބީ)ގެ މިއަހަރުގެ ފެއާގެ ފުރަތަމަ ދެދުވަހުން އެކަނިވެސް ރާއްޖެއާމެދު ފަތުރުވެރިންނާއި މި އިންޑަސްޓްރީގެ ބޭރުގެ ފަރާތްތަކުގެ ތަރުޙީބު އޮތް މިންވަރު ހާމަވެގެން ހިނގައްޖެކަމަށް ރާއްޖެއިން އީޔޫއާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޔާން ވިދާޅުވެއްޖެއެވެ.

އައިޓީބީގެ މިއަހަރުގެ ފެއާގެ ދެވަނަ ދުވަހުވެސް އޮތީ ވިޔަފާތިވެރިންގެ ބައްދަލުންތަކާއި، ދޭދޭ ވިޔަފާރިތަކުގެ މެދުގައި ބޭއްވި އެކިކަހަލަ ޙަރަކާތްތަކެވެ. މި ޙަރަކާތްތަކުގެ ތެރެއިން އައިޓީބީ ފެއާގެ ރާއްޖޭގެ ސްޓޭންޑް ފެނިގެންދިޔައީ ވަރަށް ކާރޫބާރޫބޮޑުކޮށެވެ. މުޅި ފެއާގައިވެސް އެންމެ ބޮޑު އެއް ސްޓޭންޑްގެ ގޮތުގައި ފާހަގަކުރެވޭ މިތަން އަބަދުވެސް ފެންނަނީ ތޮއްޖެހިފައިވާތަނެވެ. ޚާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ އެކިއެކި ފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވަން ބޭނުންވާ މީހުން އަބަދުވެސް ކިއުގައި ތިބޭކަން ފާހަގަކުރެވެއެވެ.

އައިޓީބީގައި މިފަހަރު ރާއްޖެއިން ބައިވެރިވާ ވަފުދު އިސްބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްކަމަށްވާ ރާއްޖެއިން އީޔޫއާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޔާން ވަނީ މިކަން ފާހަގަކުރައްވައި މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.ޝިޔާން ވިދާޅުވީ މިކާމިޔާބީގެ ހަޤީގީ ސަބަބަކީ ސަރުކާރާއި މުޅި އިންޑަސްޓްރީ ގުޅިގެން ކުރި މަސައްކަތްތަމަށެވެ. އެގޮތުން ރާއްޖޭގައި މިހާރު އޮތް ކުއްލިނުރައްކަލުގެ ޙާލަތާ ގުޅިގެން ރާއްޖެއާމެދު ބޭރުދުނިޔޭގައި ދެކެވިގެންދިޔަ އަސްލެއްނެތް ވާހަކަތަކުގެ މައްސަލަ ޙައްލުކޮށް ރާއްޖެއާބެހޭ ޞައްޙަ މަޢުލޫމާތު ހާމަކޮށް، ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއް ކުރިޔަނުދޭން ސަރުކާރުން ކުރި މަސައްކަތްތައް ޝިޔާން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ބެލީ އަޅުގަނޑުމެންނަށް ޕްރޯ އެކްޓިވްކޮށް ކުރެވޭނެ ކަންތައްތައް. އެގޮތުން އަޅުގަނޑުމެން އެކި ޓުރެވަލް ރައިޓާސްއާ ބައްދަލުކޮށްފައި ރާއްޖެއަށް ދަތުރުކުރުމުގައި އެއްވެސްކަހަލަ އުނދަގޫކަމެއް ނުވަތަ ޑިސް އެޑްވާންޓޭޖުތަކެއް ނޫޅޭނެކަމާއި، އަދި ސެކިއުރިޓީގެގޮތުންވެސް އެއްވެސްކަހަލަ (ނޭދެވޭ) ކަންތައްތަކެއް ނޫޅޭނެކަމަށް އަޅުގަނޑުމެން ކަށަވަރުކޮށްދިނިން. އޭގެ ނަތީޖާއެއްގެގޮތުން ފެބްރުއަރީމަހަށް ބަލާލިކަމުގައިވިޔަސް ކެންސަލޭޝަންވެސް ދަށްވެފައި އޮތީ ވަރަށް ކުޑަމިންވަރެއް. އެހެންކަމުން އަޅުގަނޑުމެންނަށް މާކަބޮޑު ތަފާތެއް ޔޫރަޕްބައްރަށް ބަލާއިރު ފާހަގައެއްނުކުރެވޭ. " ރާއްޖެއިން އީޔޫއާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޔާން ވިދާޅުވިއެވެ. 

ޝިޔާން އިތުރުން މިފަހަރުގެ އައިޓީބީ ފެއާގައި ބައިވެރިވެވަޑައިގަތް، ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ އިސްބޭފުޅުންވެސްވަނީ ރާއްޖޭގެ ސްޓޭންޑުގެ ފުރިހަމަކަމާއި، މިފަހަރު ރާއްޖެއަށް ލިބެމުންދާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ.

img:http://s2.psmnews.mv/images/660x400/15205187012394.jpg|ޗަމްޕާ ޙުސައިން އަފީފް ޕީއެސްއެމް ނިއުސްއަށް އިންޓަވިއު ދެއްވަނީ -

"އަޅުގަނޑަށް ހިވާގޮތުގައި މި އައިޓީބީގެ މިސްޓޭންޑް މިއީ އަޅުގަނޑުމެންނަށް ތާރީޚުގައި ހެދުނު އެންމެ މޮޅު ސްޓޭންޑްކަމަށް، އަޑުގަނޑަށް ލަފާކުރެވެނީ. ދެން މިތަނަށް އަންނަ އަޅުގަނޑުމެންގެ ހުރިހާ ކްލައިންޓު ޓުއަރ އޮޕަރޭޓަރުންވެސް އެހެން ބުނެފައިވޭ. އެހެންވީމާ އަޅުގަނޑަށް ހީވަނީ ވަރަށް ސަކްސަސްފުލް އައިޓީބީއެއް މިއީ. އެންމެންނަށްވެސް ބިޒްނަސްކުރެވޭގޮތަށް މިތަން އެބަހުރި ހަދާފައި." ޖުމުލަ 38 އައިޓީބީ ފެއާގައި ބައިވެރިވާ އަޙްމަދު މާހިރު (ޔުނިވާސަލް ޑީޑީ) ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/15205187430165.jpg|އަޙްމަދު މާހިރު (ޔުނިވާސަލް ޑީޑީ) ޕީއެސްއެމް ނިއުސްއަށް އިންޓަވިއު ދެއްވަނީ -

ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ އިސްބޭފުޅުން ވިދާޅުވީ، ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ރާއްޖެއަކީ ވަރަށް މަޤުބޫލުޤައުމެއްގެ ގޮތުގައި އޮތް އޮތުމަށް ކުޑަވެސް ބަދަލެއް ނާންނަކަމަށާ، މިފހަރުގެ އައިޓީގެ ތެރެއިން ރާއްޖެ އިތުރަށް އިސްތިހާރުކުރުމުގެ އިތުރަށް ވިޔާފާރީގެ އެތައް މުޢާމަލާތެއް ހިންގަމުންދާކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރިވެރިކަމަށާއި މުޅި އިޤްތިޞާދަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަން ޔަޤީންކަމަށް އެބޭފުޅުން ވިދާޅުވިއެވެ.