ޚަބަރު

ޤައުމުގެ އިސް ސަފުގައި އަންހެނުންގެ ދައުރު ފުޅާކުރަންޖެހޭ


މަތީފަންތީގެ ވަޒީފާތަކުގައި އަންހެނުންގެ ހިއްސާ އޮތުމަކީ ތަރައްޤީގެ ސިޔާސަތު ތަފާތު ނަޒަރަކުން ރޭވުމުގެ އިތުރުން އަންހެނުންނާ ގުޅުންހުރި ކަންކަން ގުޅުވައިގެން  ކުރިއަށްދިޔުމަށް މަގުފަހިވެގެންދާނެކަމެއްކަމަށް މިނިސްޓަރ އޮފް ޖެންޑާރ އެންޑް ފެމެލީ ޒެނިޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ. ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އަންހެނުންގެ ޙާލަތު ރަނގަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.

ބައިނަލްޢަޤްވާމީ  ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ޤައުމުގެ އިސް ސަފުގައި އަންހެނުން ފައިތިލަ ސާބިތު ކުރުމަކީ ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަމެއް ކަމަށާ، ތަރައްޤީގެ މަޝްރޫޢުތަކުގެ ހުންގާނުގައި ތިބޭ ބަޔަކަށް އަންހެނުން މިއަދު ވާންޖެހޭކަމަށެވެ. މަތީފަންތީގެ ވަޒީފާތަކުގައި އަންހެނުންގެ ހިއްސާ އޮތުމަކީ ތަރައްޤީގެ ސިޔާސަތު ތަފާތު ނަޒަރަކުން ރޭވުމުގެ އިތުރުން އަންހެނުންނާ ގުޅުންހުރި ކަންކަމާއިގެން ކުރިއަށްދިޔުމަށް މަގުފަހިވެގެންދާނެކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޤައުމުގެ މުހިންމު ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ ފުޅާކުރަން ޖެހިފައިވާކަމަށެވެ.

"ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދެވޭނީ އަންހެނުންގެ ތަޖުރިބާއާއި ޙިއްސާތައް ޝާމިލްވެގެން. އެހެންކަމުން މަތީ ފަންތީގެ މަޤާމްތަކަށް އަންހެނުން ދިޔުމަށް ދިމާވާ ހުރަސްތަކަކީ ކޮބައިކަން ދެނެގަނެ އެކަންކަމަށް އެކަށީގެންވާ ޙައްލުތައް ހޯދުމަކީވެސް އަޅުގަނޑުމެން އަޙައްމިއްޔަތުކަން ދޭންޖެހޭކަމެއް." މިނިސްޓަރ ޒެނިޝާ ވިދާޅުވިއެވެ.

ރާއްޖޭގައި އަންހެނުންގެ ޙާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޚާއްޞަކޮށް ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމް ހާޞިލް ކުރާ އަންހެނުންގެ އަދަދު ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ގިނަ ކަމަށެވެ. އަދި ސިއްޙީދާއިރާއާއި އަންހެނުންނަށް ޤާނޫނީ ހަމަހަމަކަން ހޯދައިދިނުމުގައިވެސް ރާއްޖެއިން ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އިޤްތިޞާދީގޮތުން ރާއްޖޭގައި ހިންގާ ގިނަ މަޝްރޫޢުތަކަށް ބަލާލިކަމުގައިވީނަމަވެސް، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއިން އަންހެނުންނަށް ދޫކުރާ ލޯން ސްކީމްތަކުގެ އިތުރުން އަލަށް ވިޔަފާރި ފަށަން ޤަސްތުކުރާ ފަރާތްތަކަށް ތައާރަފްކޮށްގެން ދޭ ލޯންސްކީމްތަކުގެ 40 އިންސައްތަ ޚާއްސަކޮށްފައިވަނީ އަންހެންނުންނަށާ ޒުވާނުންނަށް" މިނިސްޓަރ ޒެނިޝާ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަންހެނުންނަށް ލިބޭ އަނިޔާތައް ވީއެންމެ އަވަހަށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް އިލްތިމާސް ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ މައްސަލަތައް ހައްލުކުރުމަށް ޖެންޑަރ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާ، އެގޮތުން މިހާރު އެކުލަވާލާފައިވާ ޤާނޫނާއި ޤަވާއިދުތަކަށް ކަމާބެހޭ ފަރާތްތަކާއި އާންމުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.